ޚަބަރު

ޕެސްޓު ހައްޔަރުކުރި އިރު، އޭނާގެ ޖީބުން ޑުރަގާއި 24،000 ރުފިޔާ ފެނުނު: ހެކިވެރިޔާ

އަލީ ޔާމިން

މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް)ގެ ޖީބުން މަސްތުވާތަކެތީގެ އިތުރުން 24,000 ރުފިޔާ ފެނުނު ކަމަށް އޭނާއާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސްދިން ފުލުހަކު ބުނެފިއެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަަހު ހައްޔަރުކުރި ޕެސްޓުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުލަތުން ހަތަރު ދައުވާއެއް ކޮށްފައިވެއެވެ. އެއީ

- ކެނަބިސް ޓްރެފިކްކުރުމުގެ ދައުވާ

- ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ

- ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާ

- މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ

އެ ހުރިހާ ދައުވާއަކަށްވެސް ޕެސްޓް ވަނީ އިންކާރުކޮށްފައެވެ. އެހެންވެ ދައުލަތުން ވަނީއެ ދައުވާތައް ސާބިތުކުރުމަށް ގިނަ އަދަދެއްގެ ހެކިތަކެއް ހުށަހަޅައިފައެވެ. އެގޮތުން މިއަދު ވަނީ ޕެސްޓް ހައްޔަރުކުރި އޮޕަރޭޝަނުގައި ހަރަކާތްތެރިވި ތިން ފުލުހެއްގެ ހެކިބަސް ނަގައިފައެވެ.

އެންމެ ފުރަތަމަ ހެއްކެއްގެ ގޮތުގައި ހާޒިރުކޮށްފައިވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގައި މަސައްކަތްކުރާ ފުލުސް އޮފިސަރު، ސާމީ ޝަރީފެވެ. އޭނާ ބުނީ، އިފްހާމާއި އިތުރު ބަޔަކާ ގުޅިގެން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ މައުލޫމާތު ލިބުނީ ފުލުހުންގެ އިންޓެލިޖެންސްގެ ފަރާތުން ކަމަށާއި އެ މައުލޫމާތު ލިބުމުން މއ. ވީވާ ގެއަށް ދިޔަ ފުލުހުންގެ ޓީމުގައި އޭނާ ބައިވެރިވެފައިވާނެ ކަމަށެވެ.

ސާމީ ބުނީ، މއ. ވީވާއަކީ ޕެސްޓް ދިރިއުޅޭ ގެ ކަމަށާއި އޭނާ ހައްޔަރުކުރީވެސް އެތަނުން ކަމަށެވެ. އަދި ޕެސްޓްގެ އަތުގައި އޮތް ތަޅުދަނޑިން މއ. ވީވާގޭގެ ފުރަތަަމަ ފްލޯ ހުޅުވި އިރު، އެތަނުގައި ދެން އެ މައްސަަލައިގެ ދައުވާ ލިބޭ މުހައްމަދު ސުއައިދުގެ އިތުރުން ތިން އަންހެނެއް ތިބި ކަމަށެވެ. އަދި ޕެސްޓު ލައިގެން ހުރި އަންނައުނު ބަލައި ފާސްކުރި އިރު، އޭނާގެ ޖީބުން ނެގި ސިނގިރޭޓު ފޮށި ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުނު ކަމަށާއި އެއީ އޭނާ ބޭނުންކުރަން ބަހައްޓާފައި ހުރި އެއްޗެހި ކަމަށް ބުނެފައިވާ ކަމަށްވެސް ބުންޏެވެ.

"އޭނާގެ ވޮލެޓުން 24،000 ރުފިޔާ ފެނިފައިވޭ" ހެކިވެރިޔާ ބުންޏެވެ.

ދެވަނަ ހެއްކާއި ތިން ވަނަ ހެއްކެއްގެ ގޮތުގައިވެސް ހާޒިރުކުރީ ޕެސްޓް ހައްޔަރުކުރި ސީންއަށް ދިޔަ ފުލުހުންނެވެ. ޕެސްޓުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ، އުމުރު ދުވަހުގެ ހުކުމެއް އޭނާގެ މަައްޗަށް އަންނާނެއެވެ.