ޚަބަރު

ހަރުކަށި ފިކުރާ ދެކޮޅަށް ހާއްސަ ފައުޖެއް އުފައްދަން މަޖިލީހަށް ހުށަހަޅައިފި

އިބްރާހިމް ޒަކީ

ހަރުކަށި ފިކުރުގެ ތެރެއިން ރާއްޖޭގައި ހިންގާ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް ހަރަކާތްތެރިވާނެ ހާއްސަ ފައުޖެއް އުފައްދަން ސަރުކާރަށް ގޮވާލައި މަޖިލީހަށް މައްސަލަ ހުށަހަޅައިފިއެވެ.

މިއަދުގެ ޖަލްސާގައި މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ.

ރާއްޖޭގައި ހަރުކަށި ފިކުރުގެ ނުރައްކާ އޮތް މިންވަރު ފާހަގަ ކުރައްވައި ވައްޑެ މަޖިލިސް ޖަލްސާގައި މިއަދު ވިދާޅުވީ، މިމަހުގެ 23 ވަނަދުވަހު އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހަށް ހަމަލާދިނީ "މިހިރީ ސަރުކާރުގެ މީހެއް މަރާލަން ޖެހޭ،" މިފަދައިން ބުނުމަށްފަހު ކަމަށެވެ.

އިސްލާމްދީނުގެ ނަމުގައި އަނިޔާވެރި އަމަލުތައް ހިންގައި، ހަރުކަށި ހައްދުފަހަނައެޅި ފިކުރަށް ތަބާވެ، އެ ފިކުރުގެ ދިފާއުގައި މީހުން މަރަން ފަސް ނުޖެހޭ 1400 އަށްވުރެން ގިނަ މީހުން ރާއްޖޭގައި ތިބިކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައިވާ ކަމަށާއި، ދީނުގެ ނަމުގައި މީހުންނަށް ހަމަލާދީ މަރައި ހެދުމުގެ ރެކޯޑް އޮތް ކިތަންމެ ބަޔަކު، މަރާލެވިފައިވާ މީހުންނާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ފާހަގަ ކޮށްފައި ވާކަމަށްވެސް ވިދާޅުވިއެވެ އަދި އެ ފަރާތްތަކާ ގުޅުން ހުރި ގޮތުގައި ހަތިޔާރާއި ގޮވާތަކެތި އުފައްދައި، މީހުންނާއި ތަންތަނަށް އަމާޒުކޮށް ހަމަލާދީފައިވުމާއި، ދައުލަތުގެ ގާނޫނީ ނިޒާމު ބަލައިނުގަނެ، ދައުލަތް ކުފުރުކޮށް، ދައުލަތުގެ ވަޒީފާތަކުގައި އުޅޭ ބައެއް ފަރާތްތަކަށް ހަމަލާދިނުން ތަކުރާރުވެ، ރާއްޖޭގައި އުޅޭ ބޭރުގެ ފަރާތްތަކާއި ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެފަރާތްތަކުގެ އަމާޒަކަށް ވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

އެފަދަ ކަންކަން ހިންގާ ފަރާތްތަކާއި، އެފަދަ މީހުންނާ ގުޅުންހުރި ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި މުއައްސަސާތައް ފަހަތުފަޔަށް ބުރަވެފައިވާކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

އެހެންކަމުން ނުރައްކާތެރިކަން ފިލުވާލައި ރައްޔިތުންނާއި މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސިފައިންނާއި، ފުލުހުން އަދި ސަލާމަތި ކަންކަމާއި ތަންފީޒީ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު އޮތް އިދާރާތަކުގެ މައްޗަށް އެކުލަވައިލެވޭ ކޮމާންޑެއްގެ ދަށުން ހާއްސަ ފައުޖެއް އުފެއްދުމަށް ވައްޑެ ވަނީ ސަރުކާރަށް ގޮވާލައިފައެވެ.

އެފަދަ ނުރައްކާތަކަށް ހުޅުވިފައިވާ ދޮރުތައް ބަންދު ކުރުމަށްޓަކައި މިސްކިތްތަކާއި ތައުލީމުދޭ ތަންތަން އެ ފައުޖުން ބަލަހައްޓަން ފެށުމާއި، މީހުންގެ ފުރާނަ އާއި މުދަލަށާއި ތަންތަނަށް ގެއްލުން ދިނުމާއި، ގެއްލުންދީފާނެ ކަމުގެ އިތުބާރުހުރި މައުލޫމާތު ލިބިފައިވާ ފަރާތްތައް އެކަހެރިކުރުމާއި ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ހިންގުމާއި، އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ދީނީ އައުލީމު ދިނުމާއި ދީނީ ވައުލާއި ނަސޭހަތް ދިނުމުގެ ކަންކަން ކުރިއަށްދަނީ، އިސްލާމީ ދުނިޔޭގެ މަޝްހޫރު ގިނަ އިލްމުވެރިން އިއްތިފާގުވާ މެދު މިނުގެ އިންތަކުގެ ތެރޭގައިކަން ކަށަވަރު ކުރުމަށްވެސް ގޮވާލާފައިވެއެވެ.

މި މައްސައަށް މަޖިލިސް ތަޅުމުގައި ބަހުސް ކުރަން ފާސްކުރީ ޖަލްސާގައި ތިއްބެވި 28 މެންބަރުންގެ ތެރެއިން 25 މެންބަރު ވޯޓު ދެއްވައިގެންނެވެ.