ޚަބަރު

ކުޑަހުވަދޫން ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލައިފި

މުހައްމަދު އިޝާން

ދިރިއުޅުމަށްޓަކައި ދ. ކުޑަހުވަދޫން ދޫކުރާ 243 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ކުޑަހުވަދޫ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ހައުސިން މިނިސްޓްރީގެ އެންގުމުން ގޯތި ދޫކުރުމުގެ ގައިޑްލައިންނަށް އިސްލާހުތަކެއް ގެނެވިފައިވާތީ، ކުޑަހުވަދޫން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމަށް މިދިޔަ އަހަރުގެ މާޗު މަހުގެ 24 ވަނަ ދުވަހު ކޮށްފައިވާ އިއުލާނާއި، އެ އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ ފޯމުތައް ބާތިލުކޮށްފައިވާ ކަމަށެވެ.

ހައުސިން މިނިސްޓްރީން މިމަހުގެ 28 ވަނަ ދުވަހު ކުޑަހުވަދޫން ގޯތި ދޫކުރުމަށް ހުއްދަ ދީފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. އެހެންކަމުން ހައުސިން މިނިސްޓްރީން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ގޯތި ދޫކުރުމަށް، ރަށުގެ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުތަކުން، ދޫކުރާ 243 ބަންޑާރަ ގޯއްޗަށް އެދި ފޯމް ފުރިހަމަކޮށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

ގޯއްޗަށް ކުރިމަތިލުމަށް ފޯމު ދޫކުރާނީ އަންނަ ސެޕްޓެމްބަރު މަހުގެ 4 އިން އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކަމަށް ކައުސިލް އިދާރާއިންނެވެ.

ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 10 އިން ފެށިގެން އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހާ ހަމަޔަށް ކުޑަހުވަދޫ މަލްޓިޕާޕަސް ބިލްޑިންގެ ގްރައުންޑް ފްލޯއިންނެވެ.

ކުޑަހުވަދޫން ވަނީ ގޯއްޗައް އެދޭ ފަރާތްތަކަށް ޕޮއިންޓް ދޭ އުސޫލު ވެސް އާންމުކޮށްފައެވެ.