ޝަހީދާ އަބްދުﷲ ސައީދު
މިސަރުކާރުން ގާއިމުކޮށްފައިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މިމަހުގެ ތެރޭގައި ބޭންކަކަށް ބަދަލުކޮށް ލޯނު ދޫކުރަން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މާފުށީގައި މިއަދު ބޭއްވި ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ބޭންކަކަށް ބަދަލުކޮށް އަންހެނުންނަށް ލޯނުގެ ވިހި އިންސައްތަ ހާއްސަކުރާނެ ކަމަށާއި އޭގެ ސަބަބުން އަންހެނުންގެ ބައިވެރިވުމާއެކު ރާއްޖޭގެ އިގުތިސާދު ކުރިއަރައިގެންދާނެ ކަމަށެވެ.
އެސްއެމްއީ ބޭންކެއް ރާއްޖޭގައި ގާއިމް ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.
ރައީސް ސޯލިހު ކުރިން ވިދާޅުވެފައިވާ ގޮތުގައި މި ބޭންކު ވެގެންދާނީ ދިވެހީންގެ މާލީ ތަނަވަސްކަމާއި އިގްތިސޯދީ ފުދުންތެރިކަން އިތުރު ކުރުމުގައި، ވިޔަފާރިވެރިންނާއި ސަރުކާރު އަތުގުޅާލުމަށް ގާއިމްކުރެވޭ މާލީ އިދާރާއަކަށް ކަމަށެވެ.