ޝަހީދާ އަބްދުﷲ ސައީދު
ވިހެއުމާ ގުޅިގެން މައިމީހާއަށް ހަ މަހުގެ، އަދި ބައްޕައަށް އެއް މަހުގެ ޗުއްޓީ، މުސާރައާއެކު މިއަދުން ފެށިގެން ލިބޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެންމެ ވިދާޅުވެއްޖެ އެވެ.
މާފުށީގައި މިއަދު ބޭއްވި ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ވިހައިގެން އުޅޭ އަންހެންމީހާގެ އިތުރުން ސިވިލްސާވިސްގައި މަސައްކަތްކުރާ ފިރިހެން މީހާއަށްވެސް މުސާރައާއެކު އެއްމަހުގެ ޗުއްޓީއެއް ލިބޭނެ ކަމަށެވެ.
އަދި ހަމަސް ނުވާ ދަރިންތިބި ނަމަ ކުއްޖާއަށް ހަމަސް ވަންދެން ސިވިލްސާވިސްގައި މަސައްކަތްކުރާ މައިންބަފައިންނަށް ވެސް އެއުސޫލުގެ ދަށުން މިއަދުންފެށިގެން ޗުއްޓީ ލިބޭނެ ކަމަށެވެ.
ރައީސް ސޯލިހުގެ ވާހަކަފުޅުގައި އަންހެނުންނަށް ހުރި ގޮންޖެހުންތައް ފާހަގަކުރެއްވިއެވެ.
އެގޮތުން އަންހެނުންނަށް ގޮންޖެހުންތައް ކުރިމަތިވަނީ އެމީހާ ސިޔާސީ މައިދާނަށް ނުކުންނަ ހިސާބުންކަމަށާއި އަދި ވަޒީފާގައި އުޅޭ އަންހެނަކު ނަމަ ކައިވެނި ކުރުމުން ނުވަތަ ދަރިން ލިބޭ ހިސާބުން ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ވަޒީފާގެ މާހައުލުގައި ދަރިން ގެންގުޅެވޭނެ މާހައުލެއްވެސް ހޯދަން އެބަޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަންހެނުންނަށް މަތީ މަގާމުތައް ހޯދައިދިނުމާއި އަންހެނުންނަށް ކުރާ ގެވެށި އަނިޔާތައް ހުއްޓުވައި ތަފާތުކުރުންތައް ނައްތައިލާނެ ވާހަކަ ވަރަށްގިނައިން ދެކެވިއްޖެކަމަށެވެ.
އަދި މިސަރުކާރުން ބޭނުންވަނީ ބަސްމަދުކޮށް އަމަލީގޮތުން އެކަންކަން ހާސިލުކުރަން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެގޮތުން މިސަރުކާރުން ތައާރަފުކޮށްފައިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މިމަހުގެ ތެރޭގައި ބޭންކަކަށް ބަދަލުވެ ލޯނު ދޫކުރަންފެށުމުން އަންހެނުންގެ ބައިވެރިވުމާއެކު އިގުތިސާދު ކުރިއަރައިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.