ކުރީގެ ރައީސް އަބްދުﷲ ޔާމީންއަބުދުލް ގައްޔޫމުގެ ބޭންކް އެކައުންޓްތަކުގައި ހުރި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުމަށް ހުށަހެޅި މައްސަލައިގައި، ހައިކޯޓުން ހުކުމް އިއްވަން މިއަދު ތާވަލް ކުރި އަޑުއެހުން ކެންސަލް ކޮށްފި އެވެ.
މިއަދު ހެނދުނު 10:00 އަށް ތާވަލްކޮށްފައިވާ މި އަޑުއެހުން ކެންސަލް ކޮށްފައިވަނީ، އިދާރީ މައްސަލަތަކަކާ ގުޅިގެންނެވެ.
މި ޝަރީއަތް ދެން ތާވަލް ކުރާނެ ދުވަހަކާބެހޭގޮތުން އަދި ހައިކޯޓުން އެއްޗެއް ބުނެފައެއް ނުވެ އެވެ.
ރައީސް ޔާމީންގެ ބޭންކު އެކައުންޓުތައް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އެމަނިކުފާނުގެ ވަކީލުން ހައިކޯޓުގެ އިސްތިއުނާފަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 24 ގައެވެ.
އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ.
އެ ދުވަހުގެ ޝަރީއަތް ކުރިއަށްގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ.
ރާއްޖޭގައި ހުރި ރައީސް ޔާމީންގެ ހުރިހާ ބޭންކް އެކައުންޓެއް ހިފަހައްޓާފައި ވަނީ ކްރިމިނަލް ކޯޓުން ނެރެފައިވާ ތަފާތު ތިން އަމުރެއްގެ ދަށުންނެވެ.
އެ ހުރިހާ އަމުރެއް ވެސް ކްރިމިނަލް ކޯޓުން ނެރެފައި ވަނީ ފުލުހުން އެދިގެންނެވެ.
އެ މައްސަލައިގެ އިތުރުން ރައީސް ޔާމީންގެ މައްޗަށް ކުރެވޭ މަނީލޯންޑާ ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކުރުމަށް ވެސް ރައީސް ޔާމީންގެ ގާނޫނީ ޓީމުން ވަނީ ހައިކޯޓަށް ހުށަހަޅައިފައެވެ.
ޝަރީއަތް ނިމެންދެން ރައީސް ޔާމީން ހައްޔަރުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އެ އަމުރު ނެރުނީ ޕީޖީން އެފަދަ އަމުރަކަށް އެދިވަޑައިގަތުމާ ގުޅިގެންނެވެ.
ރައީސް ޔާމީން ހައްޔަރުކުރުމާ މެދު ގޮތެއް ކަނޑައެޅުމަށް ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، ހެކީންނަށް ރިޝްވަތު ދެއްވުމަށް ރައީސް ޔާމީން މަސައްކަތްކުރައްވާފައިވާ ކަމަށެވެ.
އެ އަމުރު ބާތިލްކުރުމަށް ރައީސް ޔާމީންގެ ގާނޫނީ ޓީމުން ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައިގެންފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.