ރ. ރަސްމާދޫ ކައުންސިލް މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރަހީމް މުހައްމަދު ސޯލިހު ބައްދަލު ކުރައްވަވައިފިއެވެ.
ރައީސް އޮފީހުގައި އިއްޔެ ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ރަސްމާދޫގެ ކައުންސިލަރުން ވަނީ އެރަށުގެ މިހާރުގެ ހާލަތާއި މިހަާރަށް އެރަށުގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަން ރައީސް ސޯލިހުއާ ހިއްސާ ކުރައްވައިފައެވެ. އެ ގޮތުން ރަސްމާދޫގައި އަސާސީ ބައެއް ހިދުމަތްތައް ފުރިހަމަވެފައި ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކުގެ އިތުރުން ވަސީލަތްތައް މަދުވުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން ވަނީ ރައީސް ސޯލިހުއާ ހިއްސާ ކުރައްވައިފައެވެ.
މީގެ އިތުރުން ރަށުގެ ސިއްހީ މަރުކަޒުގައި ބައެއް ހިދުމަތްތައް ދެވޭނެ ވަސީލަތްތައް ނެތުމުގެ އިތުރުން ރަށުން ބޭސް ލިބުމުގައި ހުރި ދަތިތަކާއި، ޒުވާނުންނަށް އާމްދަނީ ލިބޭނެ މަގު ތަނަވަސްކުރުމުގެ ގޮތުން ރަށުގައި ވަޒީފާގެ އާމްދަނީ އިތުރުކުރުމުގެ މުހިއްމުކަމުގެ އިތުރުން ރަށުގެ ޒުވާނުންގެ މަރުކަޒު އިތުރަށް ތަރައްގީކޮށް ޒުވާނުންގެ މަރުކަޒުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފޭނެ ގޮތަކާ ގުޅޭ ގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވައިފައެވެ.
މި ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ މި ސަރުކާރުން ތައްޔިތުންނަށް ބޭނުންވެފައި ހުރި ކަންކަން ފުރިހަމަ ކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.