ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެއް އޮންނަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ އެމަނިކުފާނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނާ ބައްދަލުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރެއް ހުއްޓުމަކަށް ގެނެވިދާނެ ބާރެއް ކަމަށާއި އެގޮތަށް ސަރުކާރެއް ހުއްޓިއްޖެއްޔާ ވައުދުތައް ފުއްދޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.
"އަޅުގަނޑު މިދެންނެވިހެން ރައްޔިތުންގެ މަޖިލިސް މުހިންމުވާ ވަރަށް ގިނަ ސަބަބުތަކެއް އެބަހުރި. ރައްޔިތުންގެ މަޖިލީހުގެ ބާރު ވަރަށް ގަދަ. ރައްޔިތުންގެ މަޖިލީހަކީ ސަރުކާރެއް ހުއްޓުމަކަށް ގެނެވިދާނެ ބާރެއް. އެހެންކަމަށްވަންޏާ މިގޮތަށް ސަރުކާރެއް ހުއްޓިއްޖެއްޔާ އަޅުގަނޑުމެންނަށް މި ވައުދުތައް ފުއްދޭނެ ގޮތެއް ނެތް. އެހެންވީމާ އަޅުގަނޑު މިދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީއަށް އޮންނަންޖެހޭނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ވައުދުތައް ފުއްދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ވަރަށް މުހިންމު ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަން ވާނީ އެ ވައުދުތައް ގަބޫލުކުރާ އަދި އެ ވައުދުތަކަށް ތާއީދުކުރާ ބައެއް ކަމަށެވެ.
"އެމްޑީޕީގެ ބައިވަރު މެންބަރުން އެތާ ތިބުމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑަށް ވަރަށް ސާފު، ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގައި ކެންޑިޑޭޓަކީ ކާކުކަން. އެމްޑީޕީގެ ކެންޑިޑޭޓަކީ އެމްޑީޕީގެ ކެންޑިޑޭޓު. އެނޫން ކެންޑިޑޭޓެއް ނެތް،" އެމަނިކުފާނު ވިދާޅުވިއެވެ.