ޚަބަރު

ދިވެހީންގެ ހެޔޮ ދުއާވަނީ ޕާކިސްތާނުގެ ރައްޔިތުންނާ އެކުގައި: ރައީސް

މުހައްމަދު ޖަމްޝަތް ވަހީދު

1

ޕާކިސްތާނަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން، ވަރަށް ގިނަ ބަޔަކު މަރުވެ، އެތައް މިލިއަން މީހުން ހާލުގައި ޖެހުމުގެ ސަބަބުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޕާކިސްތާން ސަރުކާރަށާއި، ރައްޔިތުންނަށް ހަމްދަރުދީ ފާޅުކުރައްވައިފިއެވެ.

ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޕާކިސްތާނަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން މިހާތަނަށް 937 މީހަކު ވަނީ މަރުވެފައެވެ. އަދި ގާތްގަނޑަކަށް 33 މިލިއަން މީހުންނަށް އެކި ކަހަލަ އަނިޔާއާއި ގެއްލުން ލިބި ހާލުގައި ޖެހިފައިވާ ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މިކަމާއި ގުޅިގެން ރައީސް ސޯލިހު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވެ، އެތައް މިލިއަން މީހުން ހާލުގައި ޖެހިފައިވާ ހަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. މި ހިތާމައިގައި ދިވެހިންގެ ދުއާ އާއި ހަމްދަރުދީ ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އާއި އެ ގައުމުގެ ރައްޔިތުންނާއެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ޕާކިސްތާނުގެ މޫސުމާ ބެހޭ ވަޒީރު ޝެރީ ރެހްމާން އާ ހަވާލާދީ ބޭރުގެ މީޑިއާތަކުގައި ބުނެފައިވާ ގޮތުން މިއީ މިހާތަނަށް އެގައުމަށް ކުރިމަތިވި ފެންބޮޑުވުމުގެ އެންމެ ބޮޑު ކާރިސާއެވެ.

މި ވިއްސާރައިގައި އެންމެ ބޮޑަށް އަސަރު ކޮށްފައިވަނީ ޕާކިސްތާނުގެ ދެކުނު އިރުމަތީ ޕްރޮވިންސުގެ ސިންދު އާއި ދެކުނު ހުޅަނގު ޕްރޮވިންސުގެ ބަލޮޗިސްތާނަށެވެ. އެގައުމުގެ ޕްރޮވިންޝަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނިގޮތުގައި ބުރާސްފަތި ދުވަހުގެ ހެނދުނުން ފެށިގެން ކުއެޓާގެ ގިނަ ސަރަހައްދުތަކަށް ކަރަންޓާއި ގޭހުގެ ހިދުމަތް ވަނީ މެދުކަނޑާލާފައެވެ. އަދި 504،000 އަށް ވުރެ ގިނަ ދިރޭތަކެތި މަރުވެފައިވާއިރު 3،000 ކިލޯމީޓަރުގެ މަގުތަކާއި 129 ބްރިޖަކަށް ގެއްލުންވެ، ފެންބޮޑުވެފައިވާ ސަރަހައްދުތަކަށް އެހީތެރިކަން ފޯރުކޮށްދޭން ވަދެވޭނެ ގޮތްތަކަށް ވަނީ ހުރަސްއެޅިފައެވެ.

ޕާކިސްތާނުގައި ފެންބޮޑުވެ، ލިބިފައިވާ ގެއްލުން ބޮޑުވުމުގެ ސަބަބުން އެ ގައުމުން މިހާރު ވަނީ ބައިނަލްއަގުވާމީ އެހީއަށް އެދިފައެވެ. މިހާތަނަށް އެމެރިކާ އާއި އިނގިރޭސިވިލާތާއި ޔޫއޭއީއިން ވަނީ އެ ގައުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. ނަމަވެސް އިތުރު އެހީ ބޭނުންވާ ކަމަށް ޕާކިސްތާނުގެ ސަރުކާރުން ވަނީ ބުނެފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒު ޝަރީފާ ހަވާލާދީ ބޭރުގެ މީޑިއާތަކުގައި ބުނެފައިވާ ގޮތުގައި އެމަނިކުފާނު ވަނީ ފެންބޮޑުވުމުގެ ހާދިސާގައި ގެއްލުން ލިބުނު މީހުންނަށް އެހީވާން 10 ބިލިއަން ރުޕީސް (45 މިލިއަން އެމެރިކާ ޑޮލަރު) ދޭން ނިންމަވާފައެވެ. އެގޮތުން ގެއްލުން ލިބުނު ކޮންމެ އާއިލާއަކަށް 25000 ރުޕީސް (112 ޑޮލަރު) މި ހަފްތާ ތެރޭގައި ދޭން ފެށިގެންދާނެ ކަމަށް އެމަނިކުފާނާ ހަވާލާދީ ވަނީ ރިޕޯޓްކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟