ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނަހަމަ ގޮތުގައި ވަޒީފާއިން ވަކިކޮށްފައި ތިބި 500 އަށްވުރެ ގިނަ މީހުންގެ މައްސަލަ ލިބިފައިވޭ: ރައީސް

ނަހަމަ ގޮތުގައި ވަޒީފާއިން ވަކިކޮށްފައި ތިބި 500 އަށްވުރެ ގިނަ މީހުންގެ މައްސަލަ ލިބިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ އެމަނިކުފާނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނާ ބައްދަލުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

"500 އެތައް މީހުންގެ މައްސަލަ އަޅުގަނޑުމެންނަށް މިހާރު ވެސް އެބައޮތް އައިސްފައި. ބަލަމުން މިގެންދަނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ އެ މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ކޮމިޝަނަށް އަލުން އެ ވަޒީފާތައް ހޯދައިދެވުނު ނަމަވެސް އެކަން ތަކުރާރު ނުވާނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.

"ދެން އޮންނަ ސަރުކާރަކުން މިކަހަލަ ކަންތައްތައް ނުކުރެވޭނެ ގޮތްތަކެއް އެބަޖެހޭ ހޯދަން. އަދި މިކަންތައްތައް ކުރާ މީހުން ޖަވާބުދާރީ ކުރުވުމަށްޓަކައި މަޖިލީހަށް ގެނެސް، ޖަވާބުދާރީ ކުރުވަން އެބަޖެހޭ. މިކަން ކުރެވޭނީ އަޅުގަނޑުމެން އެމްޑީޕީގެ އުސޫލުތައް ގަބޫލުކުރާ ބަޔަކު މަޖިލީހުގައި ތިބެގެން،" އެމަނިކުފާނު ވިދާޅުވިއެވެ.