ޖަރުމަންގެ ބާލިންގައި ބާއްވާ "އައިޓީބީ ބަރލިން" ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންފި އެވެ.
އިއްޔެ މެންދުރު ދިވެހި ބައިވެރިންނަށް ފެއާ ހުޅުއްވައިދެއްވުމަށްފަހު ނައިބު ރައީސް ފައިސަލު ވަނީ ރާއްޖޭގެ ފަރާތުން ފެއާގައި ބައިވެރިވެ ވަޑައިގެންނެވި ފަރާތްތަކުގެ ހުށަހެޅުންތައް ބައްލަވާލައްވައި މައުލޫމާތު އޮޅުންފިލުއްވާފައެވެ.
ރައީސް އޮފީހުން ބުނީ އެ ފެއާގައި ސްރީ ލަންކާގެ ޓޫރިޒަމް މިނިސްޓަރު އޭ އީ އަމަރަތުންގާ ވަނީ ނައިބު ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ދެބޭފުޅުން ވަނީ ރާއްޖެއާއި ސްރީލަންކާއާ ދެމެދުގައިވާ ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމާއި، ބޭރު ދުނިޔޭގެ މަސްލަހަތު ހުރި ކަންކަމުގައި ފައިދާކުރަނިވި މަސައްކަތްތަކެއް ކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ނައިބު ރައީސްގެ އަރިހުގައި ޓޫރިޒަމް މިނިސްޓަރުގެ އިތުރުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު ތައްޔިބު މުހައްމަދުގެ އިތުރުން ރާއްޖެއިން ޖަރުމަންވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ލަތީފު އެ ފެއާގައި ބައިވެރިވެވަޑައިގަންނަވައެވެ.