ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނާއިންސާފުން ފްލެޓުތައް ދޭން ނިންމި ފަރާތްތަކަށް ދައުވާ ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލު ވިދާޅުވެއްޖެ އެވެ.
ފައްޔާޒު މިހެން ވިދާޅުވީ ރާއްޖެޓީވީއިން ކުރިއަށްގެންދާ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވިދާޅުވީ ފްލެޓް ލިބުން ހައްގު ފަރާތްތައް ތިއްބައި ހައްގު ނޫން ފަރާތްތަކަކަށް ފްލެޓުތައް ދީފައިވާކަން ކަނޑައެޅިގެން އެނގޭ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދެ ފުށް ފެންނަ ގޮތަކަށް އެކަން ވެސް ބަލަން ޖެހޭނެ. ބަލާފައި ދައުވާ ކުރުމާ ނުކުރުމާ އެއީ އަދި އެހެން ކަމެއް،" ފައްޔާޒު ވިދާޅުވިއެވެ.
އެހެންނަމަވެސް އެކަންތައް ހިނގިގޮތް ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
" އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މިހާރު އެ ކޮމިޝަނުން (ފްލެޓުތަކުގެ މައްސަލަތައް ބެލުމަށް އެކުލަވާލައިފައިވާ ކޮމިޝަން) އެކަންކަން ބަލައި ކުރިއަށްދާ އިރުގައި އެކަންކަން ހިނގާފައި އޮތް ގޮތް ހާމަވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އޭނާ ވިދާޅުވިއެވެ.
ފްލެޓު ލިސްޓުގައި ބޮޑެތި ގޯސްތަކެއް ހިނގާފައިވާ ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ކޮރަޕްޝަންގެ އަމަލުތައް އޭގެން ފެންނައިރު އެކަން ކޮށްފައި އޮތީ ގަސްތުގައި ކޮރަޕްޝަންގެ އަމަލެއް ހިންގަން ބޭނުން ނުވި ނަމަވެސް، ސިޔާސީ ބޭނުމަށްޓަކައި ކޮރަޕްޝަން ހިމެނޭ ގޮތަށް އެނގޭ ކަމަށެވެ.