ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނުގަވާއިދުން ފްލެޓު ދިނުން ފަދަ ކަންކަން ހިންގާ މީހުންނާ މެދު ފިޔަވަޅު އެޅޭނެ ގާނޫނުތައް ހެދެން ޖެހޭ: ރައީސް

ނުގަވާއިދުން ފްލެޓު ދިނުން ފަދަ ކަންކަން ހިންގާ މީހުންނާ މެދު ފިޔަވަޅު އެޅޭނެ ގާނޫނުތައް ހެދެން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ އެމަނިކުފާނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނާ ބައްދަލުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ފްލެޓުތައް ނަހަމަ ގޮތުގައި ބެހުމުގެ މަސައްކަތަކީ ވޭތުވެދިޔަ ސަރުކާރުން ކޮށްފައިވާ އެއް ކަންތައް ކަމަށާއި އެ މައްސަލަ ބެލުމަށް މިހާރު އެކުލަވާލާފައިވާ ކޮމިޝަނަށް އެކަން ބަލައި ހައްލު ހޯދިދާނެ ކަމަށެވެ.

"އެހެންނަމަވެސް އެކަންތައްތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ވަރަށް ބައިވަރު މަސައްކަތްތައް އެބަހުރި. ކުރިއަށްއޮތް ތަނުގައި އެކަހަލަ ކަންތައްތައް ކުރާ މީހުން ޖަވާބުދާރީ ކުރެވޭނެ ގޮތްތަކެއް އެބަ ހޯދަން ޖެހޭ. ރައްޔިތުންގެ މަޖިލީހުން ގާނޫނުތަކެއް ފާސްކުރަން އެބަޖެހޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ އެ ގާނޫނުތައް ހެދޭނީ އެފަދަ އުސޫލުތަކަށް ތާއީދުކުރާ ބަޔަކު ރައްޔިތުންގެ މަޖިލީހުގައި ތިބެގެން ކަމަށެވެ.