ކޮވިޑްގެ ކުރިން ޒިޔާރަތް ކުރި ވަރަށް ފަތުރުވެރިން ރާއްޖެއަށް އަދިވެސް ޒިޔާރަތް ނުކުރާކަމަށް ޓޫރިޒަމް މިނިސްޓްރީން އާންމުކުރާ މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓްސް ރިޕޯޓުން ދައްކައިފިއެވެ.
މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓް ރިޕޯޓުގައިވާ ގޮތުން ކޮވިޑުގެ ކުރިން 2019 ވަނަ އަހަރު ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރިއެވެ. 2020 ވަނަ އަހަރު 555،494 ފަތުރުވެރިން ޒިޔާރަތްކުރިއިރު 2021 ވަނަ އަހަރު 1.3 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 1،.05 މިލިއަން ޓޫރިސްޓުންނެވެ.
ކޮވިޑުގެ ކުރީގެ އަހަރުތަކާ އަޅައި ބަލާއިރު އެއީ 4.8 ޕަސަންޓުގެ ދަށްވުމެކެވެ. ނަމަވެސް މިދިއަ އަހަރާ ބަލާއިރު މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 45 ޕަސަންޓު އިތުރުވެފައެވެ.
ރިޕޯޓުގައިވާ ގޮތުން ރާއްޖެއަށް އެވްރެޖުކޮށް ކޮންމެ ދުވަހަކު 4،587 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އަދި އެ ފަތުރުވެރިން ދެ ދުވަހާއި އަށް ދުވަހުގެ މުއްދަތަކަށް ރާއްޖޭގައި މަޑުކުރެއެވެ.