ބައިނަލްއަޤުވާމީ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީން އިސްނަގައިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމް "ގާލްސް ލީޑް އިނީޝިއޭޓިވް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިހަރަކާތުގެ މަގްސަދަކީ އަންހެން ކުދިންގެ ހައްގުތައް ކުރިއެރުވުމަށާއި، އަންހެން ކުއްޖަކަށް ވީތީ މުޖުތަމައުގައި ދިމާވާ ގޮންޖެހުންތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމެވެ.
މިމަހުގެ 5 އިން 11 އަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ސަރުކާރުގެ އެކި ވުޒާރާތަކާއި، އަމިއްލަ ކުންފުނިތަކާއި މަދަނީ ޖަމްއިއްޔާތަކުގެ އިތުރުން އެހެނިހެން މުއައްސަސާތަކުގެ އިސް މަގާމުތަކުގައި ފާހަގަކޮށްލެވޭ ކަނބަލުންނާއެކު މަސައްކަތް ތަޖުރިބާކޮށްލުމުގެ ފުރުސަތު ކުދިންނަށް ދިނުމާއި މައުލޫމާތު ދިނުމުގެ ގިނަ ސެޝަންތަކެއް ހިންގިފައިވެއެވެ.
އެ ސެޝަންތަކުގައި އަންހެން ކުދިންގެ ލީޑާޝިޕް ހުނަރުތައް ތަރައްގީކުރުމާއި، އަންހެން ކުދިންގެ ސިއްހަތާއި، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާއި، އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށް އދ.އިން އެކުލަވާލާފައިވާ މުއާހަދާއަށް ހޭލުންތެރިކުރުވުން ހިމެނެއެވެ. މީގެ އިތުރުން ނޮން-ޓްރެޑިޝަނަލް ރޯލުތަކަށް އަންހެން ކުދިން ޝައުގުވެރިކަން އުފެއްދުމަށްޓަކައި ހިންގާ ހަރަކާތްތަކާއި، އަންހެނުން މަދު ދާއިރާތަކުގައި ހަރަކާތްތެރިވާ ކަނބަލުންގެ ފަރާތުން ކެރިއަރ ގައިޑަންސް ދިނުން ވެސް ކުރިއަށް ގެންދެވިފައިވެއެވެ.
މި ޕްރޮގްރާމް ނިންމާލުމުގެ ގޮތުން މިނިސްޓްރީގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ މި ޕްރޮގްރާމްގެ އަމާޒަކީ އަންހެން ކުދިން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކާއި އުންމީދުތަކަށް ވާސިލުވުމަށް ފުރުސަތު ތަނަވަސްކޮށްދިނުމުގެ އިތުރުން، އެކި ދާއިރާތަކުގައި ނިންމުން ނިންމާ ފެންވަރުގެ ވަޒީފާތަކާ ހަމައަށް ދިއުމަށް ހިތްވަރު ދިނުމެވެ.
ސްކޫލްތަކާއި ކޮލެޖްތަކުގައި ތައުލީމު ހާސިލުކުރަމުންގެންދާ 16 އަހަރާއި 18 އަހަރާ ދެމެދުގެ 23 ކުދިން ބައިވެރިވި މި ޕްރޮގްރާމް ކުރިއަށް ގެންދެވިފައިވަނީ މިނިސްޓްރީއާއި ޔުނިސެފް މޯލްޑިވްސް ގުޅިގެންނެވެ. އަދި މި ޕްރޮގްރާމް ފެސިލިޓޭޓްކުރުމުގައި ކުރުނބާ މޯލްޑިވްސް، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން، އުރީދޫ، އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އަދި މޫދު ބުޅާ ޑައިވް ސެންޓަރ ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.