ޚަބަރު

ގޮނޑިތައް ބަހައިގެން ކުރިމަތިލުމަށް ކޯލިޝަނުން އެއްބަސްވި، އެއީ އިންކާރު ކުރެވޭނެ ކަމެއް ނޫން: މައުމޫން

އަހުމަދު ޖައިޝަން

2

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ހިންގާ ކޯލިޝަނުން ދާއިރާތައް ޕާޓީތަކުގެ މެދުގައި ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ކުރީން ވަނީ އެއްބަސްވެފައި ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ އެމްއާރުއެމްގެ އިންތިހާބު ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް މައުމޫން ވިދާޅުވީ ކޯލިޝަންގެ ހަތަރު ޕާޓީން ވަނީ އިންތިހާބުގައި ދާއިރާތައް ބަހާލައިގެން ކުރިއަށްދިޔުމަށް އެއްބަސްވެފައި ކަމަށާއި އެކަމަށް އިންކާރު ނުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން އެއްބަސްވެފައި އޮތީ އެމްޑީޕީއަށް 35، ޖުމްހޫރީ ޕާޓީއަށް 22، އަޅުގަނޑުމެންނަށް 17 އަދި އަދާލަތު ޕާޓީއަށް 12. އެކަހަލަ ގޮތަކަށް އޮތީ އެއްބަސްވެވިފައި،" އެމަނިކުފާނު ވިދާޅުވިއެވެ.

އެ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރި ނަމަ މިއަދު ވަރަށް ފަސޭހަ ވީސް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކަށް އޭރަކުން ނުޖެހޭނެ ކޯލިޝަންގެ ކެނޑިޑޭޓުންތަކެއް އެކަކު އަނެކަކާ ވާދަކުރާކަށް. އަދި އެހެންވުމުގެ ސަބަބުން ގޮނޑި ގެއްލޭކަން ނުޖެހޭނެ،" މައުމޫން ވިދާޅުވިއެވެ.

އެހެންނަމަވެސް އެ ވާހަކަ މިހާރު ދެއްކުމުގެ ބޭނުމެއް ނެތް ކަމަށާއި އެގޮތަށް ކަންތައް ނުކުރެވުމުން ވަރަށް ހިތާމަކުރައްވާ ކަމަށް އެެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން ކުރިއަށް އޮތްތަނުގައި އެފަދަ ނޭދެވޭ ކަމެއް ވިޔަ ނުދީ އެންމެން އެކީގައި މަސައްކަތް ކުރުމުގެ އަހުލާގު އަށަގަންނަވަން ޖެހޭ ކަމަށް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވިއިރު އިންތިހާބުގައި ގުޅިގެން މަސައްކަތް ކުރުމަށް ކޯލިޝަންގެ ޕާޓިތަކުގެ މެދުގައި އެއްބަސްވެފައި ނުވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ މަޖިލިސް އިންތިހާބަށް އެކުގައި ނުކުތުމަށް މަޝްވަރާތަކެއް ކުރި ނަމަވެސް އެއްބަސްވުމަކަށް އައިސްފައި ނުވާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟