ޚަބަރު

މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ހައްޔަރުކުރި މީހުންގެ ތެރޭގައި ފުލުހުންގެ އިދާރާގެ މުވައްޒަފެއް!

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ފުލުހުން ހައްޔަރުކުރި ތިން މީހުންގެ ތެރޭގައި ފުލުހުންގެ އިދާރާގެ ސިވިލް މުވައްޒަފެއް ހިމެނޭ ކަމަށް ފުލުހުން ބުނެފިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެން ހިންގި ދެ އޮޕަރޭޝަނެއްގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ދިވެހި ފިރިހެނަކާއި 30 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 26 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.

ފުލުހުން ބުނީ މިމަހުގެ ހަތަރުވަނަ ދުވަހުގެ 08:15 ހާއިރު ރާއްޖޭން ބޭރުން އައި ފުލައިޓަކުން އައި 29 އަހަރުގެ މީހާ ގެނައި ފޮށިގަނޑެއް ކަސްޓަމުން ޗެކުކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 24 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.

ހައްޔަރުކުރެވުނު އެ މީހާއަކީ ފުލުހުންގެ ސިވިލް މުވައްޒަފެއް ކަމަށާއި އެ މައްސަލައާ ގުޅިގެން އެ މުވައްޒަފު ސަސްޕެންޑް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި އެ މައްސަލައިގައި އިތުރު ދިވެއްސަކު ޝާމިލްވާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ހަމަ އެ ދުވަހު ހިންގި އިތުރު އޮޕަރޭޝަނެއްގައި 30 އަހަރުގެ މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ އެ ދުވަހުގެ 17:25 ހާއިރު ރާއްޖޭން ބޭރުން އައި ފުލައިޓަކުން އައި 26 އަހަރުގެ ބިދޭސީއަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހާ ހައްޔަރުކޮށްފައިވަނީ އޭނާގެ ލަގެޖް ކަސްޓަމުން ސްކޭންކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ފުޅި ފެނުމާ ގުޅިގެން ކަމަށެވެ.

އެ ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ހަތް ދުވަހުގެ މުއްދަތެއް 29 އަހަރުގެ މީހާއާއި 30 އަހަރުގެ މީހާއަށް ވަނީ ދީފައެވެ. އަދި 26 އަހަރުގެ ބިދޭސީ މީހާ ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

އެ މައްސަލަތައް ޑްރަގް އެންފޯސްޓްމަންޓް ޑިޕާޓްމަންޓުން ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.