ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރުގެ ކޯލިޝަންގެ މެދުގައި ވާދަވެރިކަން އިތުރުވެއްޖެ ނަމަ ވޯޓުތައް ބައިބައިވެ ދާއިރާ ކާމިޔާބު ކުރުމުގެ ފުރުސަތު ކުޑަވެގެންދާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ މިރޭ ދަރުބާރުގޭގައި ރައީސް މައުމޫންގެ ތާއީދާއެކު އިންތިހާބުގައި ބައިވެރިވާ ފަރާތްތައް އާންމުކޮށް "މާއްދާ 4" ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އަޅުގަނޑުމެންނަށް ކުރީން އެއްބަސްވެފައިވާ ގޮތަށް ކޯލިޝަންގެ ހަތަރު ޕާޓީގެ މެދުގައި ހަމަޖެހޭ އުސޫލަކުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ބަހާލައިގެން އިންތިހާބާ ކުރިމަތިލެވުނު ނަމަ ވަރަށް ރަނގަޅު ވީސްކަމުގައި ދެކޭ ވާހަކަ،" އެމަނިކުފާނު ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ އިންތިހާބުގައި ކޯލިޝަނުން އެއް ދާއިރާތަކަށް ވާދަކޮށް މަޖިލީހުގެ އިންތިހާބުގައި ކުރިމަތިލި ނަމަވެސް އެމްއާރުއެމް އޮންނާނީ ކޯލިޝަނާއެކުގައި ކަމަށެވެ.
އެގޮތުން ގައުމުގައި ހަލަބޮލިކަމެއް އުފައްދަން ބޭނުން ނުވާ ކަމަށާއި ފާއިތުވި ފަސް އަހަރުގެ ތެރޭގައި ގައުމު ވަނީ ހަލަބޮލިވެގެން ގޮސްފައި ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ކޯލިޝަން އުފައްދާފައިވަނީ ގައުމީ މަސައްކަތްތައް ކުރުމަށް ކަމަށެވެ.