ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަން ވާނީ އެމްޑީޕީގެ ވައުދުތައް ގަބޫލުކުރާ، އެ ވައުދުތަކަށް ތާއީދުކުރާ ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ އެމަނިކުފާނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނާ ބައްދަލުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
"ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަން ވާނީ މި ވައުދުތައް ގަބޫލުކުރާ، މި ވައުދުތަކަށް ތާއީދުކުރާ ބައެއް. އެމްޑީޕީގެ ބައިވަރު މެންބަރުން އެތާ ތިބުމަކީ ވަރަށް މުހިންމު ކަމެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ގިނަ ގޮނޑިތަކެއް ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށާއި އެއް ޓީމެއްގެ ގޮތުގައި އެއް އަމާޒަކަށް މަސައްކަތްކޮށްގެން އެކަން ކާމިޔާބުކުރެވޭނެ ކަމަށެވެ.
"2008 ވަނަ އަހަރުން ފެށިގެން މި ބޭއްވުނު ދެ އިންތިހާބުގައި ވެސް އަޅުގަނޑުމެންނަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އަދި އޮތީ ނެގޭ ގޮތް ނުވެފައި. އެ ތަޖުރިބާގެ އަލީގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ނުކުންނަނީ ވަރަށް ބޮޑަށް ތައްޔާރުވެގެން،" އެމަނިކުފާނު ވިދާޅުވިއެވެ.