މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެމްބަރު ކަަމަށް ކުރިމަތިލުމަށް ހުޅުވާލައި ހޯމް މިނިސްޓްރީން ކުރި އިއުލާން ބާތިލުކޮށްފިއެވެ.
އެމްއެމްސީގެ މެމްބަރުކަަމަށް ކުރިމަތިލާން ހުޅުވައިލީ އެ ކައުންސިލްގައި މިހާރު ތިބި 13 މެމްބަރުންގެ ދައުރުގެ މުއްދަތު މިއަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހަށް ހަމަވާތީއެވެ.
މިމަހުގެ 22 ވަނަ ދުވަހު ކުރި އިއުލާން މިއަދު ބާތިލްކޮށްފައިވަނީ އެ އިންތިހާބާ ގުޅިގެން ކުރަންޖެހޭ ކަންކަން ނުނިމި ހުރުމުން ކަމަށް ހޯމް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ އިންތިހާބު ކަންކަން ފުރިހަމަވުމުން އަލުން މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލާނެ ކަމަށެވެ. އަދި ގާނޫނުގައި ބުނާ މުއްދަތު ފަހަނައަޅައި ދިޔުމުގެ ކުރިން އިއުލާން ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މީޑިއާ ކައުންސިލަށް މެންބަރުން ހޮވުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު"ގައި ބުނާ ގޮތުން އެމްއެމްސީ މެމްބަރުންގެ ދައުރެއްގެ ދިގުމިނަކީ ދެ އަހަރު ދުވަހެވެ. އަދި އެއްވެސް މެމްބަރަކަށް ވިދިވިދިގެން ދެ ދައުރު އަދައެއް ނުކުރެވޭނެއެވެ.
މީޑިއާ ކައުންސިލްގައި މީޑިއާ ތަމްސީލުކުރުމަށް ކެންޑިޑޭޓުން ހުށަހަޅާނީ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ނޫސްތަކާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބްރޯޑްކާސްޓްކުރުމުގެ ހުއްދަ ދީފައިވާ ބްރޯޑްކާސްޓަރުންގެ މަސްއޫލުވެރި ފަރާތުންނެވެ. އަދި ކޮންމެ މަސްއޫލު ފަރާތަކަށް ވެސް ހުށަހެޅޭނީ އެއް ކެންޑިޑޭޓެވެ.
އެމްއެމްސީއަށް އައްޔަންކުރަން ޖެހޭނީ މީޑިއާ ތަމްސީލުކުރާ ހަތް މެމްބަރުންނާއި އާންމު ހަ މެމްބަރުންނެވެ. އެގޮތުން އާންމު މެމްބަރުންގެ ގޮތުގައި ބަލާނީ މީޑިއާއާ ގުޅުން ހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ މީހުންނެވެ.