އެމްޑީޕީގެ ކެންޑިޑޭޓަކީ އެމްޑީޕީގެ ކެންޑިޑޭޓު ކަމަށާއި އެހެން ކެންޑިޑޭޓަކު ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ އެމަނިކުފާނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނާ ބައްދަލުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
"އަޅުގަނޑަށް ވަރަށް ސާފު، ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގައި ކެންޑިޑޭޓަކީ ކާކުކަން. އެމްޑީޕީގެ ކެންޑިޑޭޓަކީ އެމްޑީޕީގެ ކެންޑިޑޭޓު. އެނޫން ކެންޑިޑޭޓެއް ނެތް. އެއީ އަޅުގަނޑުމެންގެ އަމާޒަކީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގައި އެމްޑީޕީން ވަރަށް މުހިންމު ދައުރެއް އަދާކުރި ކަމަށާއި އޭގެ އިތުރުން ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއާއި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި އަދިވެސް އެތައް ބައެއްގެ ވަރަށް ގިނަ މަސައްކަތްތައް އޭގައި ހިމެނޭ ކަމަށެވެ.
"އެކަމެއް އަޅުގަނޑުމެން ހަނދާނެއް ނުނެތޭ. އެހެންނަމަވެސް އަޅުގަނޑު މިދެންނެވި ފަދައިން މި ވައުދުތައް ފުއްދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ވަރަށް މުހިންމު. ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަން ވާނީ މި ވައުދުތައް ގަބޫލުކުރާ، މި ވައުދުތަކަށް ތާއީދުކުރާ ބައެއް. އެމްޑީޕީގެ ބައިވަރު މެންބަރުން އެތާ ތިބުމަކީ ވަރަށް މުހިންމު ކަމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން ބޭއްވުނު ދެ އިންތިހާބުގައި ވެސް އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އަދި އޮތީ ނެގޭ ގޮތް ނުވެފައި ކަމަށާއި އެ ތަޖުރިބާގެ އަލީގައި އެމްޑީޕީން މި ނުކުންނަނީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށެވެ.
"އަޅުގަނޑަށް ދުރުން ވަރަށް ސާފުކޮށް ފެނޭ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގިނަ ގޮނޑިތަކެއް، ބައިވަރު ގޮނޑިތަކެއް އެމްޑީޕީއަށް ކާމިޔާބުވާނެކަން. ކުރަންޖެހޭ ކަމަކީ އަޅުގަނޑުމެން އެއް ޓީމެއްގެ ގޮތުގައި، އެއް އަމާޒަކަށް ކުރިއަށްގެންދިއުން،" އެމަނިކުފާނު ވިދާޅުވިއެވެ.