އެޓެންޝަން ޑެފިސިޓް ހައިޕަރ އެކްޓިވިޓީ ޑިސްއޯޑަރ (އޭޑީއެޗްޑީ) އަކީ މީހުންގެ ސުލޫކަށް އަސަރުކުރާ ބައްޔެކެވެ. އޭޑީއެޗްޑީ ހުންނަ މީހުންނަށް ހަމަޖެހުމެއް ނެތްހެން ހީވެ، ސަމާލުކަން ދިނުމަށް ދަތިވެ، (އިމްޕަލްސް)ކުއްލިއަކަށް ބޭނުންވާކަމެއް ވިސްނާލުމެއް ނެތި، ވަގުތުން އެކަމެއް ކުރުން ކަހަލަ ކަންތައް ދިމާވެއެވެ.
އޭޑީއެޗްޑީގެ އަލާމާތްތައް ޅައުމުރުގައި ފާހަގަ ކުރެވޭއިރު، ކުއްޖާގެ ހާލަތު ބަދަލުވުމުން، ސްކޫލް ފެށޭއިރު ބައެއް ކަންކަން ފާހަގަ ކުރެވިދާނެއެވެ. ގިނަ ކޭސްތައް ފާހަގަކުރެވެނީ ކުދިންގެ އުމުރުން 3 އަހަރާއި 7 އަހަރާ ދެމެދުގެ ވަގުތެއްގައި ނަމަވެސް ބައެއް ފަހަރު ވަރަށް ޅައުމުރުގައި ފާހަގަ ކުރެވެއެވެ. ބައެއް ފަހަރު އޭޑީއެޗްޑީގެ މީހަކު، ކުޑައިރުވެސް މައްސަލަ ހުރިނަމަވެސް ކުޑައިރު ދެނެގަނެވިފައި ނުވާތީ، އެމީހުން ބޮޑުވާފަހުން ފާހަގަ ކުރެވެއެވެ. އޭޑީއެޗްޑީ ހުންނަ މީހުންނަށް ނިދުމާއި ހާސްކަމުގެ އުނދަގޫތައް ފަދަ އިތުރު މައްސަލަތައް ވެސް ކުރިމަތިވެދާނެ އެވެ.
އޭޑީއެޗްޑީ އަކީ އާއިލީ ވާރުތަވާ މައްސަލައެކެވެ. ގިނަ ހާލަތްތަކުގައި މައިންބަފައިންގެ ފަރާތުން ވާރުތަވާ ޖީންތަކުން ދިމާވާ މައްސަލައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އޭޑީއެޗްޑީ ހުންނަ މީހެއްގެ މައިންބަފައިންނާއި އެއްބަނޑު އެއްބަފާ ކުދީންނަށް އޭޑީއެޗްޑީ ޖެހުމުގެ ފުރުސަތު ބޮޑެވެ.
އޭޑީއެޗްޑީ އިން ރައްކާތެރިވެވޭނެ ގޮތެއް ނުވަތަ ސީދާ ފަރިވާއެއް ނުހުރެއެވެ. އެކަމަކު އަވަހަށް ދެނެގަނެވިފައި، އެއަލާމާތްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ހިތްވަރުދީ، އަދި ހިތްވަރު ކުރުމުން މީހާ މާޔޫސްކަން ބޮޑުވެ ގެއްލުމެއް ވާހިސާބަށް ނުގޮސް ވަކި މިންގަނޑެއްގައި ހުރެވޭނެއެވެ.
ކުޑަކުދީންނަށް އޭޑީއެޗްޑީއަށް ދޭ ފަރުވާތަކުގެ ތެރޭގައި ބޭހާއި ބިހޭވިއަރ ތެރަޕީއާއި ކައުންސެލިން އަދި ތައުލީމީ ހިދުމަތްތައް ހިމެނެއެވެ. މި ފަރުވާތަކުގެ ސަބަބުން އޭޑީއެޗްޑީގެ ގިނަ އަލާމާތްތަކަށް ލުއި ލިބިދާނެ ނަމަވެސް، އެ ފަރުވާތަކުން އެކަމަށް ދާއިމީ ހައްލެއް ނުލިބެއެވެ. ތިރީގައި މިހިމަނައިލަނީ ކުޑަކުދީންނަށް އޭޑީއެޗްޑީ ގެ މައްސަލަ ޖެހިފައިވާކަން އެނގުމުން ދެވޭނެ ތެރަޕީތަކެވެ.
މިއީ ވަރަށް އާއްމުކޮށް ފެންނަފަދަ ކަމަކަށް ވިޔަސް ގިނަފަހަރު ތިމާގެ ގައިގައި އެއްވެސް ކަމެއް ހުރިކަން ގަބޫލެއް ނުކުރެވެއެވެ. މިއީ އެހާ ފަސޭހައިން ދެނެގަނެވޭ ކަމަކަށް ނުވިޔަސް އާއްމު މީހުންނާއި ތަފާތު ކަމެއް ފާހަގަ ވާނެއެވެ. އެހިސާބުން ފަރުވާ ވަގުތުން ދެވިއްޖެނަމަ މިއީ ބޮޑުވަރު ނުވަނީސް، ވަކި މިންގަނޑެއްގައި ހިފަހައްޓާލެވޭނެއެވެ.