ދުނިޔޭގެ އާބާދީއަށް ނަޒަރު ހިންގާލާއިރު އިންސައްތަޔަށް ބަލާކަމުގައި ވާނަމަ 5.8އިންސައްތައަށް ވުރެ މަދުބަޔަކަށް ނޫނީ ރޫބިކްސް ކިއުބް ހައްލެއް ނުކުރެވޭނެއެވެ. އެތައް އެތައް ގަޑިއިރަކު މަސައްކަތްކޮށްގެންވެސް ހައްލު ނުކުރެވޭ ރޫބިކްސް ކިއުބު ވަރަށް ފަރިތަމަަކަމާއެކު ކުޑަ ފިރިހެން ކުއްޖަކު ވަރަށް އާދައިގެ ކަމެއްހެން އެބަ ހައްލު ކޮށްލައެވެ.
ރޫބިކްސް ކިއުބް އަކީ އެންމެ ފުރަތަމަ 1974 ވަނަ އަހަރު ހަންގޭރީގެ ސްކަލްޕްޓަރެއް ކަމުގައިވާ، އާކިޓެކްޗާގެ ޕްރޮފެސަރު އެނޯ ރޫބިކް އީޖާދުކުރި 3-ޑީ ކޮމްބިނޭޝަން ޕަޒްލެކެވެ. އަސްލު މެޖިކް ކިއުބްގެ ނަމުން ނަންދެވިފައިވާ މި ޕަޒްލް އަކީ ވިޔަފާރިވެރިޔާ ޓިބޯ ލަކްޒީ އާއި ސެވަން ޓައުންސްގެ ބާނީ މެދުވެރިކޮށް 1980 ވަނަ އަހަރު އައިޑިއަލް ޓޯއި ކޯޕަރޭޝަނުން ވިއްކުމަށް ރޫބިކް އިން ލައިސަންސް ދީފައިވާ ޕަޒްލެކެވެ.
2022 ވަނަ އަހަރު ޖޫންމަހުގައި އަޕްޑޭޓްކޮށްފައިވާ ގީނިސް ވޯލްޑް ރެކޯޑްސް، ދުނިޔޭގެ ރެކޯޑު އޮތީ ޔޫޝެންގް ޑޫ އަތުގައެވެ. ޔޫޝެންގް ޑޫ ރޫބިކްސް ކިއުބް ހައްލުކުރީ 3.47 ސިކުންތުންނެވެ. މިއީ މިވަގުތު ކޮމްޕްލެކްސް ކިއުބް ހައްލުކުރުމަށް އެންމެ އަވަހަށް ވަގުތަށް ހެދި ރަސްމީ ރެކޯޑެވެ.
ހއ.އިހަވަންދޫ އައިޝަތު ޝިޔާމާ އާއި އަބްދުއްޝަހީދުގެ ދޮށީ ދަރިފުޅު ޝައިން އަބްދުއް ޝަހީދު، ރޫބިކްސް ކިއުބު ހައްލުކޮށްލަނީ މާބޮޑު ހާސްވުމެއް ނެތި ހަމަ އެންމެ ފަނަރަ، ވިއްސަކަށް ސިކުންތު ތެރޭގައެވެ. އެންމެ 12 އަހަރުގެ، ހަތްވަނަ ކުލާހުގައި ކިޔަވަމުން އަންނަ ޝައިން އާއި ރޫބިކްސްކިއުބް ދަސްކުރީ ކިހިނެއްކަން ޝައިން "ވަން" އަށް ކިޔައިދިނެވެ.
ޔޫޓިއުބް ވީޑިއޯއަކުން ބަލައިގެން ރޫބިކްސްކިއުބް ހައްލުކުރުމަކީ ޝައިންއަށް ވަރަށް ފަސޭހަ ކަމެކެވެ. ކޮންމެ ދުވަހަކުހެން މެންދުރު ފަހު ދެޔަކުން ތިނަކަށް ޝައިން ބަލަނީ، އޭނާގެ އަތުގައި މިހާރު އެހެރަ ރުބިކްސް ކިއުބު ހައްލު ކުރުމަށް ނަގާ ވަގުތު ދުވަހަކަށްވުރެ ދުވަހެއް ކުޑަކުރެވޭތޯއެވެ. ހަމަސް ކުރިން ޝައިން ރުބިކްސްކިއުބް އަނބުރައަނބުރާފައި ހައްލު ކުރެވޭތޯ ބެލީ ޔޫޓިއުބުން ވީޑިޔޯބަލައިގެންނެވެ. މިވީ ހަމަސް ތެރޭގައި ޝައިން ރުބިކްސްކިއުބު ހައްލު ކުރުމުގައި މިނިޓުން ސިކުންތަށް ބަދަލުވެ، ތިރީހަކަށް ސިކުންތުން ފަންސަވީސް ސިކުންތަށް ވަނީ ކުރިއަރައިފައެވެ. މިއީ ދުނިޔޭގެ ރިކޯޑުގައި، އެންމެ އަވަހަށް ރުބިކްސްކިއުބް ހައްލު ކުރާ ފަރާތާއި އަޅައި ބަލައިފިނަަމަ، 12 އަހަރުގައި 30، 25 ސިކުންތުން ރޫބިކްސްކިއުބް ހައްލު ކުރުމަށް ހަމަސްތެރޭގައި ވާސިލު ވެވިފައިވާ ޝައިން އަށް އަހަރެއްހާ ދުވަހުގެ ފަރިތަ ކުރުމަކުން ދެތިން ސިކުންތަށްވެސް ވާސިލުވެވިދާނެއެވެ.
"ވަން"އަށް ޝައިންގެ މަންމަ ކިޔައިދިން ގޮތުގައި ދަރިފުޅަކީ އަބަދުވެސް ވިސްނުން ހަރުދަނާ، ތޫނުފިލި ހިތްއަލި ކުއްޖެކެވެ. މިހާރު ރުބިކްސްކިއުބްއަށް ފަރިތަ ކުރުމުގެ ސަބަބުން ޝައިންގެ ވިސްނުން މާބޮޑަށްވެސް ތަރައްގީވެއްޖެއެވެ. ޝައިންގެ މަންމަގެ ދުއާއަކީ ދަރިފުޅު މިއަށްވުރެވެސް ފަރިތަކަމާއެކު ރުބިކްސްކިއުބް ހައްލު ކުރުމެވެ. އެއީ އޭނާއަށް ވަރަށްބޮޑަށް ޔަގީންވެސްވާ ކަމެކެވެ. ހަމައެހެންމެ ޝައިންގެވެސް އުއްމީދަކީ ރެކޯޑެއް މުގުރާލެވޭ ވަރަށް މިކަން ފަރިތަ ކުރުމެވެ.
"ވަން" އިން އެދެނީ ޝައިންއަށް ''ރުބިކްސްކިއުބް ހައްލުކުރުމަށް އިތުރު ކުރިއެރުމަކާއި ފަރިތަކަމެއް ލިބުމެވެ.