ޚަބަރު

ފްލެޓް ދީފައިވާ ގޮތާ މެދު ޝަކުވާ ހުށަހަޅާނެ ގޮތާ މެދު އާންމުންގެ ކަންބޮޑުވުންތަކެއް!

އަހުމަދު ޖައިޝަން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި ގެދޮރުވެރިކުރުމުގެ މަޝްރޫއުގެ ދަށުން ދޫކޮށްފައިވާ ފްލެޓުތަކުގައި މައްސަލަތައް ހުރުމުން އެކަމަށް ޝަކުވާ ހުށަހެޅުމަށް ދަތިވާ ކަމަށް ރައްޔިތުން ފާހަގަކޮށްފިއެވެ.

"ހިޔާ" މަޝްރޫއާއި "ގެދޮރުވެރިކުރުވުން" މަޝްރޫއާއި "ގުޅީފަޅު ހައުސިން ޕްރޮޖެކްޓް" ގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތައް އެނގޭނެ ލިސްޓު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި މިދިޔަ ހޯމަ ދުވަހު އާންމުކޮށްފައެވެ.

ރައީސް އޮފީހުން މައުލޫމާތު ދޭގޮތުގައި ރައީސް ޔާމީންގެ ސަރުކާރުން ހިންގި މަޝްރޫއުތަކުގައި ފްލެޓް ލިބިފައިވާ ފަރާތްތައް އެނގޭނެ ލިސްޓު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޑައުންލޯޑްކުރެވޭނެއެވެ.

އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ މިމަހުގެ 25ގެ ނިޔަލަށް ހުޅުވާލާފައެވެ.

ނަމަވެސް އެ ލިސްޓުތަކުގެ ތެރެއިން ގެދޮރުވެރިކުރުމުގެ މަޝްރޫއުގެ ދަށުން ފްލެޓު ލިބިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ މައުލޫމާތެއް ނެތެވެ. އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބައެއް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެގޮތުން އެއްބައި ފަރާތްތަކުން ބުނާގޮތުގައި އެ ލިސްޓުގައި ޕޮއިންޓް ދީފައިވާ ގޮތް ނޭނގުމުން އެއަށް ޝަކުވާ ހުށަހަޅާނެ ގޮތެއް ނޭނގޭ ކަމަށެވެ.

އަދި ފްލެޓުތައް ހައްގު ނުވާ ފަރާތްތަކަށް ހަވާލުކުރެވިގެން ގޮސްފައިވާ ކަމަށާއި އެކަމާ ހިތްދަތިވެ ހިތާމަކުރާ ކަމަށް ގިނަ ފަރާތްތަކުން ވަނީ ބުނެފައެވެ.

ގެދޮރުވެރިކުރުމުގެ މަޝްރޫއުގައި ހައްގު ނުވާ ފަރާތްތަކަށް ފްލެޓު ދީފައިވާ ކަމުގެ މައްސަލަ މީގެކުރީން ގިނަ ބަޔަކު ވަނީ ޖައްސައިފައެވެ. އެގޮތުން 100 ޕޮއިންޓް ލިބިފައިވަނިކޮށް އެއަށްވުރެ ދަށުން ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް ފްލެޓު ދިން ކަމަށް ގިނަ ބަޔަކު ވަނީ ކުރީން މައްސަލަ ޖައްސައިފައެވެ.