ޚަބަރު

ރާއްޖެ އެތެރެ ކުރަން އުޅުނު ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެ މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު ތިން ކިލޯގެ މަސްތުވާތަކެތި، މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހިފަހައްޓައިފިއެވެ.

ކަސްޓަމްސް އިން ބުނީ މިމަހުގެ ހަތަރުވަނަ ދުވަހު އިންޑިއާއިން ރާއްޖެ އައި 26 އަހަރުގެ އިންޑިއާ ރައްޔިތެއްގެ ފޮށިތަންމަތި ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

އެމީހާ އަތުން ފެނުނު މަސްތުވާތަކެތި ތަހުލީލުކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިސް އޮއިލްއަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންގއާއެކު ޖުމްލަ 998 ގްރާމު ހުރި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން މައުލޫމާތުދޭ ގޮތުގައި ހަމަ އެ ދުވަހު ސްރީލަންކާ އިން ރާއްޖެ އައި 29 އަހަރުގެ ދިވެއްސެއްގެ ފޮށިތަންމަތި ބަލައި ފާސްކުރެވުނު އިރު، މަސްތުވާތަކެތީގެ ދެ ބާވަތެއް ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ތެރޭގައި ހިމެނެނީ 1491 ގްރާމު ހަޝިޝް އޮއިލް އަދި 529 ގްރާމު ހެރޮއިން ކަމަށެވެ. އަދި އެ މައްސަލައިގައި ޝާމިލުވާ މީހުން، ފުލުހުންނާ ގުޅިގެން ހިންގުނު އޮޕަރޭޝަނެއްގައި އަތުލައިގެންފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

އެ ދެ ކޭސްގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ތިން ކިލޯ ހުރި އިރު، އެ މައްސަލައިގައި ޝާމިލުވާ މީހުންނާއި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެއެވެ.