ޚަބަރު

ގދ. އަތޮޅު ތައުލީމީމަރުކަޒުގައި ދަރިވަރަކު އޯޓިޒަމް ހުންނަ ދަރިވަރަކަށް ހަނގާކޮށް އަނިޔާކުރާ ވީޑިއޯއެއް އާއްމުވެއްޖެ

އަލީ ޔާމިން

ގދ. ތިނަދޫގައި ހުންނަ ގދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ދަރިވަރަކު އޯޓިޒަމް ހުންނަ އެހެން ދަރިވަރަކަށް ހަނގާކޮށް އަނިޔާކުރާ ވީޑިއޯއެއް އާއްމުވެއްޖެއެވެ.

ޝޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަނީ ގދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ކްލާސް ރޫމެއްގެ ތެރޭގައި ފިރިހެން ދަރިވަރަކު އޯޓިޒަމް ހުންނަ އެހެން ފިރިހެން ކުއްޖަކާ ހަނގާކޮށް ވަރަށް ބޮޑަށް އަނިޔާކުރާ މަންޒަރެވެ. އެ ދަރިވަރަށް އަނިޔާކުރިއިރު އެހެން ދަރިވަރުން ކައިރީގައި ތިބި ނަމަވެސް އެކަން ހުއްޓުވަން މަސައްކަތް ކޮށްފައެއް ނުވެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ދަރިވަރަށް އަނިޔާކޮށްފައިވަނީ އިއްޔެ ހެނދުނު 10:00 ޖަހާކަންހާއިރުގައެވެ.

މިކަމާ ގުޅިގެން އެ ސެންޓަރުގެ ބަހެއް ހޯދުމަށް ސެންޓަރާ ވަގުތީ ގޮތުން ހަވާލުވެހުންނެވި ލީޑިން ޓީޗަރު އަހުމަދު އަޝްރަފަށް "ވަން" އިން ގުޅައި، މެސެޖު ކުރުމުންވެސް ޖަވާބު ދެއްވާފައިނުވާތީ ސެންޓަރުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ދަރިވަރަށް އަނިޔާކުރި މައްސަލަ ބަލަމުން އަންނަ ކަމަށް އެެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.