ރައީސް ޔާމީން

ރައީސް ޔާމީންގެ އެކައުންޓް ފްރީޒްކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އެކައުންޓް ފްރީޒްކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުމެއް މާދަމާ ބޭއްވުމަށް ހައިކޯޓުގައި ތާވަލުކޮށްފިއެވެ.

ރައީސް ޔާމީންގެ އެކައުންޓް ފްރީޒްކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުން ބޭއްވުމަށް ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:00 އަށެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ޝަރީއަތް ކުރިއަށްގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ.

މާދަމާ ބާއްވާ އަޑުއެހުމުގައި އިތުރު ކަމެއް ސާފު ކުރަން ނުޖެހޭކަމަށް ވާނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ.

ރައީސް ޔާމީންގެ ބޭންކު އެކައުންޓުތައް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އެމަނިކުފާނުގެ ވަކީލުން ހައިކޯޓުގެ އިސްތިއުނާފަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 24 ގައެވެ.

ރާއްޖޭގައި ހުރި ރައީސް ޔާމީންގެ ހުރިހާ ބޭންކް އެކައުންޓެއް ހިފަހައްޓާފައި ވަނީ ކްރިމިނަލް ކޯޓުން ނެރެފައިވާ ތަފާތު ތިން އަމުރެއްގެ ދަށުންނެވެ. އެ ހުރިހާ އަމުރެއް ވެސް ކްރިމިނަލް ކޯޓުން ނެރެފައި ވަނީ ފުލުހުން އެދިގެންނެވެ.

އެ މައްސަލައިގެ އިތުރުން ރައީސް ޔާމީންގެ މައްޗަށް ކުރެވޭ މަނީލޯންޑާ ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކުރުމަށް ވެސް ރައީސް ޔާމީންގެ ގާނޫނީ ޓީމުން ވަނީ ހައިކޯޓަށް ހުށަހަޅައިފައެވެ.

ޝަރީއަތް ނިމެންދެން ރައީސް ޔާމީން ހައްޔަރުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އެ އަމުރު ނެރުނީ ޕީޖީން އެފަދަ އަމުރަކަށް އެދިވަޑައިގަތުމާ ގުޅިގެންނެވެ. ރައީސް ޔާމީން ހައްޔަރުކުރުމާ މެދު ގޮތެއް ކަނޑައެޅުމަށް ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، ހެކީންނަށް ރިޝްވަތު ދެއްވުމަށް ރައީސް ޔާމީން މަސައްކަތްކުރައްވާފައިވާ ކަމަށެވެ.

އެ އަމުރު ބާތިލްކުރުމަށް ރައީސް ޔާމީންގެ ގާނޫނީ ޓީމުން ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައިގެންފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.