އެފްއޭއެމް

ގައުމީ ޒުވާން ޓީމުތަކަށާއި، އަންހެން ޓީމަށް ގޮންޖެހުންތަކެއް

މުޙައްމަދު ޝަމްޢޫން

ޗެލެންޖިން ހާލަތްތަކަކާއެކު ރާއްޖޭގެ ކްލަބުތަކުގެ ފުޓުބޯޅަ ސީޒަން ނިމިއްޖެއެވެ. ދެން ބާކީ އޮތީ ރެލިގޭޝަން ޕްލޭ އޮފް އެކަންޏެވެ. 2017 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ސީޒަނުގެ ތިން މުބާރާތް ފުރިހަމަ ކުރެވުނު ނަމަވެސް، އެންމެ ކާމިޔާބު ސީޒަނެއް ނޫނެވެ. އޭއެފްސީ ކަޕަށް ބަލާއިރުވެސް، ވެލެންސިއާއަށް ދިމާވި ކަންތަކާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ނަތީޖާއަށް ބަރޯސާވެ ބުނަންޏާ، އަދި ކުރިއެރުން ހޯދޭނެއެވެ. އަދި ހަމައެއާއެކު ގައުމީ ޓީމުތަކަށްވެސް އުނދަގޫ ސީޒަނެކެވެ.

ސީނިއާ ފިރިހެން ގައުމީ ޓީމަށްވެސް އުނދަގޫ ސީޒަނެކޭ ބުނެވިދާނެއެވެ. ސާފުން ފެށިގެން ގޮސް، އޭޝިއަން ކަޕް ކޮލިފިކޭޝަނަށްވެސް އުނދަގޫ ހާލަތްތަކެއް އައެވެ. ހަމައެއާއެކު ޒުވާން ޓީމުތަކާއި އަންހެން ޓީމުތަކަށްވެސް އަދިވެސް އޮތީ ޗެލެންޖުތަކެކެވެ. އެންމެފަހުން ނިމިދިޔަ ޒުވާން ޓީމުގެ، 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުންވެސް އެ މަންޒަރުތައް ފެނުނެވެ.

ވިހި އަހަރުން ދަށުގެ ޓީމަށްވެސް ތައްޔާރުވާން ލިބުނީ ހަނި ފުރުސަތެކެވެ. އޭރު ރާއްޖޭގެ ކްލަބު ސީޒަން ބަރާބަރަށް ކުރިއަށް ގެންދަން ޖެހިފައި އޮތުމުން ޒުވާން ގައުމީ ޓީމަށް ތަމްރީނުކުރާނެ ކުޅުންތެރިން އަތަކު ނުޖެހުނެވެ. އަނެއްކޮޅުން ބެލި އިރު، ސީޒަން ބްރޭކް ކުރެވޭކަށްވެސް ނެތެވެ. އެއީ ސީޒަން ދިގުލައިގެން ގޮސްފިނަމަ، މާލީ މަޅިއެއްގައި ކްލަބުތައް ޖެހޭނެތީއެވެ. އެއީ ޒުވާން ގައުމީ ޓީމަށް އޭރު އޮތް ޗެލެންޖެވެ. މިހާރު 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ އޭޝިއަން ކަޕް ކޮލިފައިން އަދި 16 އަހަރުން ދަށުގެ ޓީމަށް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާއިރުވެސް އުނދަގޫތައް އެބަހުއްޓެވެ.

"19 އަހަރުން ދަށުގެ ޓީމާއި 16 އަހަރުން ދަށުގެ ޓީމަށް ބަލާއިރު، 19 އަހަރުން ދަށުގެ ޓީމު އޮތީ ވަރަށް ވަރުގަދަ ގްރޫޕެއްގައި. އެހެންވީމަ އެ ޓީމުން ތައްޔާރުވަނީ ރަނގަޅު ތަޖުރިބާތަކެއް ހޯދައި މެޗުތައް ކުޅުމަށް. ސާފަށް ދާ 16 އަހަރުން ދަށުގެ ޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އިންޑިއާ ސަސްޕެންޝަނެއްގައި އޮތުން. އެހެންވީމަ އިންޑިއާއަށް އެ މުބާރާތް ނުކުޅެވޭނެ. އެހެން ނަމަވެސް މިދޭތެރެއިން ދެވަނަ ޑިވިޝަނާއި ޕްރިމިއާ ލީގުގެ މެޗުތަކާއި އެފްއޭ ކަޕް މެޗުތައްވެސް އެކުގައި ކުރިއަށް ގެންދިޔުމުން 16 އަހަރުން ދަށުގެ ޓީމަށް ރަނގަޅަށް ދަނޑު ނުލިބި މިދިޔައީ. އެކަށީގެންވާ ގޮތެއްގައި އަދި ތައްޔާރު ނުވެވޭ،" ބައްސާމް އެފްއޭ ކަޕް ފައިނަލް ފަހުން ނޫސްވެރިންނާ ވާހަކަ ދައްކަމުން ވިދާޅުވިއެވެ.

ބައްސާމް ފާހަގަކުރެއްވީ ސީޒަންގެ ކްލަބު ފުޓުބޯޅަ ނިމުމާއެކު މިހާރު ދަނޑު ލިބޭނެ ކަމަށާއި، ލިބޭ ވަގުތުގައި ތައްޔާރުވާން ފުރުސަތު ލިބޭނެ ކަމަށެވެ. އޭގެ ފަހުން 16 އަހަރުން ދަށުގެ ޓީމަށް އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ޓަފް މެޗުތަކެއް އޮންނާނެ ކަމަށް ބައްސާމް ފާހަގަކުރެއްވި އިރު، އޭނާ ފާހަގަކުރީ އެ މެޗުތައް ވާނީ "ޑެވަލޮޕްމަންޓް" މެޗުތަކަކަށް ކަމަށެވެ.

އަންހެން ޓީމުން މިވަގުތު ތަމްރީނު ކުރަމުން އަންނައިރު، ބައްސާމް ވިދާޅުވީ އެފްއޭއެމަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކުގެ ސަބަބުންވެސް ބައެއް ކަންކަން ކުރަން އުނދަގޫތަކެއް ހުރި ކަމަށެވެ.

"އަންހެން ސާފް ޗެމްޕިއަންޝިޕްގައި އުނދަގޫތަކެއް ހުރެދާނެ. އަންހެން ގައުމީ ޓީމުގެ ވެސް ފަރިތަކުރުންތައް އެ ދަނީ އެންމެ އެކަށީގެންވާ ގޮތަކަށް ނޫން. ދެން، އެފްއޭގެ މާލީ ދަތިތަކާ ހުރެ ތަންކޮޅެއް އުނދަގޫ ދުވަސްތަކެއް ކުރިއަށް މިދަނީ، އެހެން ނަމަވެސް، މިހާރު އަޅުގަނޑުމެންނަށް ލިބެން ހުރި އެންމެ ރަނގަޅު ކޯޗުންނާ އެކު، ފަރިތަކުރުންތައް ފެށިގެން އެ ކުރިއަށްދަނީ،" ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ އަންހެން ސާފް ޗެމްޕިއަންޝިޕްގައި، މި ސަރަހައްދުގައި އިންޑިއާ، ބަންގްލަދޭޝް، އަދި ޕާކިސްތާން ކަހަލަ ޓީމުތަކަކީ ވަރުގަދަ ޓީމުތައް ކަމަށާއި، މުބާރާތް ޗެލެންޖިން ވާނެ ކަމަށެވެ.

ކްލަބު ސީޒަންވެސް ޗެލެންޖިން، އަންނަ ސީޒަނަށް އިތުރަށް ތައްޔާރުވާނަން: ބައްސާމް

މިފަހަރު ރާއްޖޭގެ ސީޒަނުގައި ތިން މުބާރާތް ކުޅެފައިވެއެވެ. އެކަން ހާސިލުކުރަން އުނދަގޫތަކާ ކުރިމަތިވި ކަމަށް އެފްއޭ ކަޕަށްފަހު މީޑިއާއާ ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވިއެވެ.

"ވަރަށް ގިނަ ކަންތައްތަކެއް ދިމާވެ، ވަރަށް ބައިވަރު ޗެލެންޖްތަކަކާވެސް ކުރިމަތިވެގެން ސީޒަން ނިމިގެން މިދިޔައީ. އެހެންނަމަވެސް ވަރަށް ފޯރި ގަދަކޮށް ނިމިގެންވެސް މިދިޔައީ. ދެން އަންނަ ސީޒަނަށް ރަނގަޅު ކުރަން ޖެހޭ ބައިވަރު ކަންތައްތަކެއްވެސް އެބަހުރި. އެހެންވީމަ ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ގިނަ ފަރާތްތަކަކާއެކު މަޝްވަރާތައް ފަށައި، ކުރިއަށް އޮތް ސީޒަނަށް ތަންކޮޅެއް ވަރުގަދައަށް ތައްޔާރުވާން މަސައްކަތް ފެށޭނެ. ޖުމުލަކޮށް އަނެއްހެން ރަނގަޅު ސީޒަނެއް މި ނިމުނީ. ތިން މުބާރާތް ކުޅެވިގެން،" ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ ލީގުގައި މާޒިޔާއިން ބޮޑު ލީޑެއްގައި އޮވެ ޗެމްޕިއަންކަން ނެގި ނަމަވެސް ރެލިގޭޝަނަށް ކުރި "ފައިޓް" ޝައުގުވެރިވި ކަމަށެވެ. އަދި އެފްއޭ ކަޕާއި ޕްރެސިޑެންޓްސް ކަޕްގައި ފޯރިގަދަ މެޗުތަކެއް ކުޅެވުނު ކަމަށް ބައްސާމް ފާހަގަކުރެއްވި އިރު، އޭނާ ވަނީ އަލިފުށީގައި ކުޅުނު ޕްރެސިޑެންޓްސް ކަޕްގެ ފައިނަލް ފާހަގަކުރައްވައިފައެވެ.