ޚަބަރު

ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ތޫނު އެއްޗަކުން ހަމަލާދީފި، އެކަކު ހައްޔަރުކޮށްފި

ރިފާ ހަލީލު

އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމުގެ މައުލޫމާތު މިއަދު 13:26ގައި ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ބުންޏެވެ.

އިތުރު އެއްވެސް ތަފުސީލެއް ނުދިން ނަމަވެސް އެނގިފައިވާ ގޮތުގައި، މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ، މިދިޔަ ޖުލައި މަހުގެ ތެރޭގައި ސަލްމާން މިސްކިތުގައި ހުކުރު ކުރަނިކޮށް، ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ލޯގޯ ޖަހާފައިވާ ޓީޝާޓެއް ލައިގެން އެ މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަ ކުރި މީހާއެވެ.

އަލީ ސޯލިހު "ވަން" އަށް މިއަދު ވިދާޅުވީ އޭނާއަށް ކަޓަރަކުން ހަމަލާ ދިނީ ސައިކަލެއްގައި އައި މީހެއް ކަމަށާއި އޭނާ ކަޓަރު އަޅަން މަސައްކަތްކުރީ ފަހަތުން ކަރުގައި ކަމަށެވެ.

ނަމަވެސް ކަޓަރު ނެގުމާއެކު ސައިކަލު ދުއްވާލުމުން ކަޓަރު އެޅުނީ ވާތް ފަރާތު އަތުގައާއި ބުރަކަށީގައި ކަމަށާއި ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.