އަޑުއިވުމުގެ އަދި ވާހަކަ ދެއްކުމުގެ ދަތިތައް ހުންނަ ކުޑަކުދިންނާއި ޒުވާނުންނަށް ހާއްސަ ''ސްޕީޗް އެންޑް ހިއަރިންގ ކޭމްޕް''އެއް އައްޑޫ ސިޓީގައި ބާއްވައިފި އެވެ.
އެޑްވޮކޭޓިންގް ދަ ރައިޓްސް އޮފް ޗިލްރަން (އާކް) އަދި ބިއުޓިފުލް އައިޒް ޑައުންސިންޑްރޯމް އެސޯސިއޭޝަނާއި ގުޅިގެން މި މަހުގެ ހަތަރެއްގައި ފެށި މި ކޭމްޕް ނިމޭނީ މިއަދު އެވެ.
މި ކޭމްޕްގެ ތެރެއިން ރާއްޖެއިން ބޭރުގެ ސްޕީޗް ތެރަޕިސްޓަކަށް ހިލޭ ދެއްކުމުގެ ފުރުސަތު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ދިން އިރު، ވަކިވަކި ކުދިންނަށް އެސެސްމަންޓް ހެދުމާއި، ޑައިގްނޯސްކުރުމުގެ އިތުރުން އޯޑިއޯމެޓްރިކް ޓެސްޓް ހެދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. މީގެ އިތުރުން ގޭތެރޭ ކުރެވިދާނެ އެކި ކަންކަމާ ގުޅޭ ގޮތުން ބެލެނިވެރިންނަށް ވަނީ މި ކޭމްޕްގެ ތެރެއިން މައުލޫމާތު ފޯރުކޮށްދީފައެވެ.
އާކްއިން މައުލޫމާތު ދިންގޮތުގައި އައްޑޫ ސިޓީގެ ހަ ސްކޫލެއްގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއެކު މަސައްކަތް ކުރާ ޓީޗަރުންނަށް ހާއްސަކޮށްގެން ވަނީ ދެ ދުވަހުގެ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މި ވޯކްޝޮޕްގެ ތެރެއިން ކްލާސްރޫމްގައި ބޭނުންވާ މުހިއްމު މައުލޫމާތުގެ އިތުރުން ''އިމްޕްރޫވިންގް އާޓިކިއުލޭޝަން އެންޑް ސްޕީޗް'' އަދި ''މިނިމައިޒިންގް ކޮމިއުނިކޭޝަން ޗެލެންޖަސް'' އާއި ގުޅޭ ގޮތުންވެސް ވަނީ ޓީޗަރުންނަށް މައުލޫމާތު ފޯރުކޮށްދީފައެވެ.