ފްލެޓް ލިސްޓުގައި ނިލަންދުއަށް ނިސްބަތްވްވާ 44 މީހުން ހިމެނޭ ކަމަށާއި އެ އެންމެނަށްވެސް ފްލެޓް ލިބިފައި ވަނީ ނުފޫޒެއް ނެތި ކަމަށް ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
ޚަލީލް މިހެން ވިދާޅުވީ ވަނީ ހިޔާ މަޝްރޫއުގެ ފްލެޓް ލިބުނު މީހުންގެ ނަންތައް އާންމު ކުރިއިރު ޚަލީލުގެ އާއިލާގެ ގިނަ މެންބަރުން ތަކަކަށް ފްލެޓް ލިބިފައިވާތީ، އެކަން ފާހަގަކޮށް އިއްޔެ މީޑިއާތަކުގައި ރިޕޯޓުކުރުމާ ގުޅިގެން މިއަދު އޭނާ ނެރުއްވި އެއް ސަފުހާގެ ބަޔާނެއްގަ އެވެ. ފްލެޓު ލިބުނު މީހުންގެ ލިސްޓުގައި ޚަލީލުގެ އަނބިކަނބަލުންނާއި އެއްބަނޑު އެއްބަފާ ތިން ބޭފުޅަކާއި އެބޭފުޅުންގެ އަނބީންނާއި އަދި ފިރިންވެސް ހިމެނިފައިވެ އެވެ.
ޚަލީލުގެ ބަޔާނުގައި ވިދާޅުވީ، ހިޔާ މަޝަރޫއުގެ ދަށުން ފްލެޓް ލިބުން މީހުންގެ ތެރޭ ނިލަންދޫގެ 44 މީހަކު ހިމެނޭ އިރު އެތަނުން 37 މީހުންނަކީ އާއިލީ ގޮތުން ނުވަތަ ކައިވެނީގެ ގޮތުން ބަލާއިރު އޭނާއާ ގުޅުވޭނެ މީހުން ކަމަށާއި އެހެން ނަމަވެސް އެ މީހުންނަށް ފްލެޓް ލިބިފައިވަނީ އެއްވެސް ނުފޫޒެއް ނެތި ކަމަށެވެ.
މީގެ އިތުރުން މި ޚަބަރަކީ އޭނާގެ ނަން ކިލަނބުކުރުމަށް އޭނާގެ ދާއިރާގެ މީހަކު ބައެއް ނޫސްވެރީންނަށް ދީފައިވާ މައުލޫމާތުތަކެއް ކަމަށް ޚަލީލު ވަނީ ތުހުމަތު ކުރައްވައިފައެވެ. ޚަލީލު ވަނީ އޭނާގެ އާއިލާގައި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ޓީޗަރުން، އަދި އަލަތު ކައިވެނީގެ ކެޓަގަރީއަށް ހާއްސަ ފްލެޓްތަކަށް ފޯމު ހުށަހަޅައިގެން ފްލެޓް ލިބިފައިވާ މީހުން ތިބިކަން ފާހަގަކުރައްވައިފައެވެ. އަދި ބައެއް ކެޓަގަރީ ތަކަށް ފޯމު ހުށަހަޅާފައިވާ މިންވަރު މަދުވުމުން ފޯމް ހުށަހެޅި އެންމެނަށް ފްލެޓް ކަށަވަރުވިކަން ޚަލީލް ފާހަގަކުރެއްވިއެވެ.
ޚަލީލު ވިދާޅުވީ އޭނާއާ އާއިލީ ގޮތުން ގުޅުން ހުރި ދެމަފިރިންނަށް ފްލެޓް ލިބުނު ނަމަވެސް ދެމީހުންގެ ތެރެއިން އެކަކު ފްލެޓް ދޫކޮށްލުމަށް ހައުސިންގް މިނިސްޓްރީއަށް ހުށަހަޅާފައިވާނެކަމަށް ޚަލީލް ވިދާޅުވިއެވެ. އަދި މި ސަރުކާރުން އާންމުކުރި ލިސްޓުގައި ފްލެޓް ދޫކޮށްލި ފަރާތުގެ ނަންވެސް ހިމަނާފައިވާ ކަމަށް ޚަލީލު ވިދާޅުވިއެވެ.
ޚަލީލު ވަނީ އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވީތީ އޭނާގެ އާއިލާގެ މީހުންނަށް އެމީހުންނަށް ލިބެންޖެހޭ ހައްގުތަކުން މަހުރޫމުވާން ނުޖެހޭކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކަންކަން ހާސިލް ކުރުމަކީ އެއް އިރެއްގައިވެސް ކުރައްވާ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އެއްބަޔަކު އަނެއްބައެއްގެ އަގު ވައްޓައިލުމަށް މުޖްތަމައު ތެރޭ ފަތުރާ ވާހަކަތަކުގެ ސަބަބުން އާއިލާތަކަށް ނަފުސާނީ ގެއްލުންތަކާއި ކުރިމަތިވާކަމަށާއި، އެފަދަ ޚަބަރުތައް ފަތުރާއިރު ކަމުގެ ހަގީގަތް ބަލައި ފުރިހަމަ ނޫން މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަަކަށް ހިތްވަރުލިބޭ ގޮތަށް ކަންކަން ނުކުރުމަށް ޚަލީލް ވަނީ އެދިވަޑައިގެންފައެވެ.