އެއްޖިންސުން ގުޅުން ހިންގުމާއި އެކަން ފެތުރުމަށް މަސައްކަތްކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރު ބަންދުން ދޫކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައްޔަރުކޮށްފައިވާ 28 އަހަރުގެ މީހާގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)އަށް ފޮނުވާފައިވާ ކަމަށެވެ.
އޮފިސަރު ވިދާޅުވީ އޭނާ ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ޕީޖީން ލަފާދީފައިވާތީ މި މަހުގެ 18 ވަނަ ދުވަހު އޭނާ ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން ނަސީރު ހައްޔަރުކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. އެނގިފައިވާ ގޮތުގައި ނަސީރު ހައްޔަރުކުރީ އެއްޖިންސުން ގުޅުން ހިންގަނިކޮށް ލީކުވެފައިވާ ވީޑިއޯތަކުގެ ތެރެއިން، އެއް ވީޑިއޯއިން ފެންނަ މީހުންގެ ތެރޭގައި ނަސީރު ހިމެނޭ ކަމަށް ތުހުމަތުކުރެވޭތީއެވެ.
އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ނަސީރު ހައްޔަރުކުރި އިރު، ބަންގްލަދޭޝަންގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަދި ފުލުހުންގެ ވަޒީފާގައި އުޅުނު މީހަކުވެސް ހައްޔަރުކުރިއެވެ. ނަމަވެސް އަލަމްގީރު ފިޔަވައި އެހެން މީހުން ވަނީ ބަންދުން ދޫކޮށްލައިފައެވެ. އެ ތިން މީހުންނަށްވެސް ވަނީ ދައުވާކުރަން ފޮނުވައިފައެވެ.
އޮފިސަރު ވިދާޅުވީ އަލަމްގީރުގެ ބަންދުގެ މުއްދަތު އަދި ހަމަނުވާ ކަމަށެވެ.