ބިންވެރިޔާ ސްކީމުގެ ދަށުން މާލެއިން ދޫކުރާ 3،000 ގޯއްޗަށް 10،000 ފަރާތަކުން ފޯމުލާފައިވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ އެމްޑީޕީ ކޮންގްރެސްގައި ވާހަކަދައްކަމުން މިނިސްޓަރު މިއަދު ވިދާޅުވީ މާލެއިން ހިލޭ ދޫކުރާ ގޯއްޗަށް މާލޭގެ ރަށްވެހިންނަށް އެކަނި ކުރިމަތިލެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ގުޅިގެން ވަރަށްގިނަ ފާޑުކިއުންތައް އަމާޒުވާ ކަމަށާއި ނަމަވެސް މާލެއިން ގޯތި ދޭއިރު މާލޭ ރައްޔިތުންނަށް އިސްކަންދޭން ޖެހޭނެ ކަމަށެވެ.
އަދި އެގޮތަށް އެކަން ކުރަންޖެހޭ ކަމަށް ގަބޫލުކުރައްވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް ގޯތި ދިނުމުގައި އެ ރަށެއްގެ ރައްޔިތުންނަށް އިސްކަން ދޭތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑަށް މި ވާހަކަ ދައްކަން ވަރަށް ފަސޭހަ. އަޅުގަނޑަކީ ރަށަކުން އައިސް ހުރި މީހެއް. މާލޭ މީހެއް ނޫން. އަޅުގަނޑަކަށް ގޯއްޗެއް ނުވެސް ލިބޭނެ. އަޅުގަނޑު ގަބޫލުކުރާ ހަމައަކީ މިއީ. އެހެންވެގެން މާލޭ މީހުންނަށް ގޯތި ހާއްސަކޮށްފައި ވަނީ،" އަސްލަމް ވިދާޅުވިއެވެ.
މާލޭގެ ރައްޔިތުންނަށް ދޫކުރަން ނިންމާފައިވާ 5،000 ގޯތީގެ ތެރެއިން 3،000 ގޯއްޗަށާއި 4،000 ފުލެޓަށް ކުރިމަތިލުމުގެ ފުރުސަތު ޖޫން 26 ގައި ވަނީ ހުޅުވާލައިފައެވެ. އެ ފުރުސަތު ހުޅުވާލީ "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުންނެވެ. އެ ސްކީމުން މާލޭގެ މީހުންނަށް ދޫކުރާ ގޯތީގެ އުސޫލުގައިވާ ގޮތުން، ގޯތި ލިބޭނީ މާލޭ ނޫން އެހެން އެއްވެސް ތަނެއްގައި ރަޖިސްޓަރީވެފައި ނުވާ މާލޭގެ ރަށްވެހިންނަށެވެ.
މާލެ ސަރަހައްދުން ދޫކުރަން ކަނޑައަޅާފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 3,750,000 އަކަފޫޓެވެ. އަދި ގޯތި ދޫކުރަން ނިންމާފައިވާ އެންމެ ކުޑަ ސައިޒަކީ 1،250 އަކަފޫޓެވެ. ނަމަވެސް ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ، އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުވާނެ ކަމަށާއި އެގޮތުން އެންމެ ގިނަވެގެން ކުރިމަތިލެވޭނީ ހަތް މީހުންނަށް ކަމަށެވެ. އެއަށްވުރެ ގިނަ މީހުން ކުރިމަތިލިޔަސް ލިބޭނީ 4،000 އަކަފޫޓުގެ ގޯއްޗެއް ކަމަށް މިނިސްޓަރު ވަނީ ކުރިން ވިދާޅުވެފައެވެ.
މި ސްކީމްތަކުގެ ދަށުން މާލެއިން ފްލެޓަށާއި ގޯއްޗަށް އެދުމުގެ ފުރުސަތު ހަމަވާނީ އަންނަ މަހުގެ 26 އަށެވެ.