މުހައްމަދު ޖަމްޝަތް ވަހީދު
ކ. ހިންމަފުށީގެ ގެސްޓްހައުސްއަކަށް ގެއްލުންދިން މީހަކާއި އެރަށުގައި ހަމަނުޖެހުން ހިންގި އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހިންމަފުށީ ގެސްޓްހައުސަކަށް ގެއްލުންދީފައިވާ ކަމަށް އިއްޔެ ހަވީރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތުހުމަތަށް ކޯޓު އަމުރެއްގެ ދަށުން 32 އަހަރުގެ ފިރިހެނަކު ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި ގެއްލުން ދީފައިވަނީ އެރަށު "ނޯވާ" ގެސްޓްހައުސްއަށެވެ. އެ ގެސްޓުހައުސްއަށް ވަދެ ތަކެއްޗަށް ގެއްލުންދޭ ވީޑިއޯއެއް ވެސް ސޯޝަލް މީޑީއާގައި ވަނީ އާއްމުވެފައެވެ.
އޭނާ ހައްޔަރު ކުރުމާ ގުޅިގެން އިތުރު ބަޔަކު ރޭ ދަންވަރު ނުކުމެ ގެސްޓްހައުސް ކައިރީ ހަމަނުޖެހުން ހިންގާ ވީޑިއޯއެއްވެސް ފަހުން ވަނީ އާއްމުވެފައެވެ.
ފުލުހުން ބުނީ ރޭ ދަންވަރު ވަގުތެއްގައި އެރަށުތެރޭގައި ހަމަނުޖެހުން ހިންގި މައްސަލައަކާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 20އ، 27އ، 29އ އަދި 37އ ގެ ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.