ވެރިކަމުގެ ބާރުތައް އާ ސަރުކާރަށް ބަދަލުކުރުމުގެ މަރުހަލާގެ މަސައްކަތަށް ދައުލަތުގެ ގިނަ ވުޒާރާތަކުންނާއި ކުންފުނިތަކުން ބޮޑު އެއްބާރުލުމެއް ދެމުންދާ ކަމަށާއި ނަމަވެސް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެއްބާރުލުމެއް ނުދެއްވާ ކަމަށް ޗެއާމަން އޮފް ޓްރާންސިޝަން އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝާހިދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޮޑު އެއްބާރުލުމެއް ދޭ ކަމަށާއި ގާނޫނުގައިވާ ގޮތަށް ހައުސިން މިނިސްޓްރީން ވެސް އެއްބާރުލުން ދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ކަމަށެވެ.
"އަޅުގަނޑުމެންގެ ޓީމުތައް 67 އިދާރާއަކަށް ޒިޔާރާތް ކޮށްފައިވޭ. އަޅުގަނޑުމެންނަށް މައުލޫމާތުތައް ދެއްވުމުގައި އިދާރާތަކުގެ އިސް ފަރާތްތަކާއި މުވައްޒަފުންގެ ފަރާތުން އެއްބާރުލުން ލިބެމުންދޭ. ނަމަވެސް ބައެއް ވުޒާރާތަކަށް އެއްބާރުލުން ލިބެމުން ނުދާކަން ފާހަގަކޮށްލެވޭ. ރައީސް އޮފީހުން ނުހަނު ބޮޑު އެއްބާރުލުމެއް ދޭ. ހައުސިން މިނިސްޓަރު އެއްބާރުލުމެއް ނުދެއްވާ،" އޭނާ ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ފަރާތްޕުޅުން އިދާރާތަކަށް ފޮނުވުމަށް 13 ކޮމިޓީއެއް އެކުލަވާލާފައިވާނެ ކަމަށާއި އެ ކޮމިޓީތައް އެކުލަވާފައިވަނީ ކޯލިޝަންގައި ބައިވެރިވެ ވަޑައިގަންނަވާ ޕާޓީތަކާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. އަދި އެ ކޮމިޓީގައި ހިމެނޭ ބޭފުޅުން މަސައްކަތްކުރައްވަނީ ހިލޭ ސާބަހަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މިހާތަނަށް އައި އިރު، 418 ބޭފުޅަކު ކޮމިޓީތަކުގައި ހިމެނޭ. އެ ހުރިހާ މަސައްކަތެއް ވެސް ހިނގަމުންދަނީ ހިލޭ ސާބަހަށް. އެއްވެސް ހާލެއްގައި ކޮމިޓީތަކަކީ އެ އިދާރާއެއްގެ ވަޒީފާއެއް ބޭނުންފުޅުވެ ވަޑައިގަންނަވާ ބޭފުޅުންނެއް ނޫން. އެ ދާއިރާގެ ކަންތައްތަކުގައި އޮޑިޓެއް ކުރެއްވުމަށް ދާ ބޭފުޅުން. އެބޭފޫޅުންނަށް ވަޒީފާއެއް ދެއްވާނެ ކަމަށް ވެސް އިންތިހާބީ ރައީސް ވައުދުވެ ވަޑައިގެންފައެއް ނުވާނެ،" އޭނާ ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ކުރިއަށްގެންދާ މަސައްކަތުގައި ކަނބަލުން ބޭނުންކުރައްވަން އިންތިހާބީ ރައީސް އިބޫ ބޭނުންފުޅުވާ ކަމަށާއި އެހެންކަމުން އެ މަސައްކަތްތަކުގައި ހިލޭ ސާބަހަށް މަސައްކަތްކުރަން ބޭނުންވާ ކަނބަލުންނަށް އެ ފުރުސަތު ހުޅުވާލާ ކަމަށެވެ.