ޚަބަރު

ދ. އަތޮޅުގެ ރައްޔިތުންގެ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި އުއްދޫ ހަމަޖައްސައިފި

ދ. އަތޮޅުގެ ރައްޔިތުންގެ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި އެ އަތޮޅު އުއްދޫ ހަމަޖައްސައިފިއެވެ.

ދ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މީދުއަށް ވަޑައިގެން މިރޭ ބޭއްވި ޖަލްސާގައި އެގްރިކަލްޗާ މިނިސްޓްރީން ވަނީ ސިޓީސް، ލޯކަލް ގަވަމަންޓް މިނިސްޓްރީއާ އުއްދޫ ހަވާލުކޮށްފައެވެ.

ދ. އަތޮޅު ރައްޔިތުން ޕިކްނިކް ދާނެ ރަށެއްގެ ގޮތުގައި އުއްދޫ ހަމަޖެއްސުމަށް، އެގްރިކަލްޗާ މިނިސްޓްރީން ސިޓީސް، ލޯކަލް ގަވަމަންޓް މިނިސްޓްރީއާ ހަވާލުކުރުމަށް އެގްރިގަލްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މަަރިޔަމް މާރިޔާއެވެ. އަދި ސިޓީސް، ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާދަމް ޝަރީފެވެ.

އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އުއްދޫއަކީ މީގެ ކުރީގައި އަމިއްލަ ވިޔަފާރިވެރިޔަކު، ވިޔަފާރިކުރުމަށްޓަކައި ދޫކޮށްފައި އޮތް ރަށެއް ކަމަށާއި އެ ރަށުގެ މުއްދަތު ހަމަވުމާއެކު އެ ރަށް ވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާއާ ހަވާލުކޮށްފައި ކަމަށެވެ.

"އެހެންވީމާ އެ ރަށް، މި ރަށާއި މި އަތޮޅުގެ ރައްޔިތުން ދަތުރު ގޮސް، ޕިކްނިކް ގޮސް ހެދުމަށް އަޅުގަނޑުމެން މި ކަނޑައެޅީ. އެ ރަށް އެގޮތުގައި ތިޔަބޭފުޅުންނަށް މިހާރު މިވަގުތުން ފެށިގެން ހުޅުވާލެވުނީ. ކަމާބެހޭ ވުޒާރާ، އަތޮޅުތަކާއި ލާމަރުކަޒީ ކަންކަން ބަލަހައްޓާ ވުޒާރާއާ މި ހަވާލުކުރީ. އެ ވުޒާރާއިން އެ ރަށް ބަލަހައްޓަމުން ގެންދާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިޓީސް، ލޯކަލް ގަވަމަންޓް މިނިސްޓްރީ މެދުވެރިކޮށް ދ. އަތޮޅު ރައްޔިތުން، އުއްދޫއަށް ދަތުރު ދިއުމުގެ ކަންކަން ފަހިވެގެންދާނެ ކަމަށާއި ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭ މިނިސްޓްރީން އެކަމުގެ ތަފްސީލުތައް އިއުލާންކުރާނެ ކަމަށެވެ.

އެ އެއްބަސްވުމުގެ އިތުރުން މީދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި މިރޭ ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.

އޭގެ އިތުރުން މީދޫގައި ވެމްކޯގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރު ތަރައްގީކުރުމަށާއި، މީދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގެ އެއްބަސްވުންތަކެއްގައި ވެސް ސޮއިކުރިއެވެ. ވޭސްޓް މެނޭޖްމަންޓް ސެންޓަރު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތާރިގު އިބްރާހިމާއި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލެވެ. އަދި މީދޫ މަގުތައް ތަރައްގީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބާއި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑީއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރެވެ.