މި ސަރުކާރުން އެންމެ ބޮޑަށް އިހުމާލުވެފައިވަނީ ގައުމުގެ ޒުވާނުންނަށް ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޔާމީނަށް ހަވާލުކުރުމަށް ކާނިވާގައި މިރޭ ބޭއްވި "ހަވާލޭވަތަން" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ، ޒުވާނުންނަކީ ގައުމުގެ އިންޖީނު ކަމަށާއި ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ ދެބަޔަކީ ޒުވާނުން ކަމަށެވެ. އަދި ވިދާޅުވީ، ޒުވާނުންގެ އަތްމަތީގައި ގައުމުގެ މުސްތަގުބަލު އޮތްއިރު ޒުވާނުން ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމަށް މި ސަރުކާރު ނުކުޅެދިފައިވާ ކަމަށެވެ.
އެމަނިކުފާނުގެ ވެރިކަމުގައި ޒުވާނުންނަށް ހާއްސަކޮށްގެން ވަޒީފާ އުފައްދައި އިގުތިސޯދީ ގޮތުން ޒުވާނުން ބާރުވެރިކޮށްފައިވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އޭރު ޒުވާނުންނަށް އިސްކަމެއް ދީގެން ރާއްޖޭގެ އިގުތިސޯދު ރަނގަޅު ކުރުމަށާއި ފުދުންތެރި ޒުވާނުންތަކެއް އުފެއްދުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއަކަށް ވެގެން ދިޔައީ އެއްލައްކަ ހަތަރުހާސް ވަޒީފާ ހާއްސަކޮށް ޒުވާނުންނަށް އުފެދިގެން ދިއުން ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
"އަދުގެ ސަރުކާރުގެ ހާލަތު. ހަތަރު އަހަރު ތެރޭގައި އުފެއްދުނީ 4000 ވަޒީފާ. އިންތިހާބަށް ނިކުމެވަޑައިގެންނެވިއިރު ރައީސް ޔާމީންގެ ސަރުކާރުގައި މި ކުރާކަމަކީ ސްޓިކާއިން ލާރި ހޯދައިގެން ސަރުކާރު ހިންގުމޭ ކިޔައި ވާހަކަދެއްކި. ތިމަންނަމެން ސަރުކާރަށް އައިސް ޒުވާނުންނަށް ޕާކު ކުރާނެ ތަންތަން ނުދައްކައި އެއްގޮތަކަށް ވެސް ސައިކަލުތަކުގައި ސްޓިކާއެއް ނުޖައްސާނަމޭ. އެކަމަކު މިއަދު މި އޮތީ ސްޓިކާއިން ހިންގާ ސަރުކާރަކަށް މުޅި ދައުލަތް ބަދަލުވެފައި،" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، ޒުވާނުންނަށް ރަނގަޅު ގޮތެއް މި ސަރުކާރަށް ހޯދައިނުދެވުމުގެ ސަބަބުން ޒުވާނުން ހަލާކުގެ ތެރެއަށް ވެއްޓެމުންދާ ކަމަށާއި، ޒުވާނުންނާ މެދު ސަރުކާރުން ބޭއިންސާފުވެފައިވާތީ އެ ޒުވާނުން ހަލާކުގެ ތެރެއަށް ވެއްޓެމުންދާ ކަމަށެވެ.
"މިއީ ސަރުކާރުން ޒިންމާ ނަގަން ޖެހޭ ކަމެއް. ޒުވާނުން މަގުން ކައްސާ ނުލާނެ ގޮތަކަށް ކަންކަން ތަރުތީބުކުރާނަމަ އަނިޔާވެރި ކަމެއް ފެނިގެންނެއް ނުދާނެ. އަޅުގަނޑުމެންނަށް ފެނިގެންދަނީ ޒުވަނުން ހަލާކުވެގެންދާ ތަން. އެހެންވީމަ އެންްމެ ބޮޑަށް މި ސަރުކާރުން އިހުމާލުވެފައި މިއޮތީ ޒުވާނުންނަށް،" ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން ޔާމީން ވިދާޅުވީ، ޒުވާނުންނަށް އެންމެ ބޮޑަށް ބޭނުންވަނީ ބޯހިޔާވަހިކަންކަމަށްވާއިރު މި ސަރުކާރުން ވައުދުވި 40،000 ހައުސިން މަޝްރޫއުގެ ބިންގާވެސް އަދި އެޅިފައިނުވާ ކަމަށެވެ.