(12 އޯގަސްޓުގެ އަދަދާ ގުޅޭ)
ލީންޕޫލު ލިޔުއްވާގޮތުގައި ޒަލްޒަލާގެ ސަބަބުން ގެލީޕޯލީގެ ބޭރުފާރު ވެއްޓުމުން އެރަށުގެ އަހްލުވެރީން ބިރުން ރަށް ދޫކޮށްލައިފައި ފިލައިގެން ހިނގައްޖެއެވެ. ތުރުކީން އެވީރާނާ ސަރަޙައްދު ހިފައިފިއެވެ. "ދައުލަތެ ޢުޘްމާނިއްޔާ" ގެ މުޞަންނިފު ޒެމްޕާއީ ގެލީޕޯލީގެ ހާދިސާ ބަޔާންކުރައްވަނީ އަންނަނިވި ޢިބާރާތުންނެވެ.
"سـليمـان يــاشــا މުޢާހަދާއާ އެއްގޮތްވާ ގޮތުގެމަތީން ޒެމްޕު އޭނާގެ ބާރުފުޅުގެ ދަށަށް ގެންނަވައި އެކިއްލާގައި ސިފައިން ބައިތިއްބަވައިފިއެވެ. ތުރޭސްގެ ޒަލްޒަލާ އައީ އޭގެ ކުޑަދުވަސްކޮޅެއްގެ ފަހުންނެވެ. އެޒަލްޒަލާގެ ސަބަބުން ވަރަށްގިނަ ރަށްރަށުގެ ބޭރު ފާރު ވެއްޓިއްޖެއެވެ. އޭގެތެރޭގައި ގެލީޕޯލީވެސް ހިމެނެއެވެ. އެއީ ދަރުދާނިޔާލްގެ ހުޅަނގު އައްސޭރީގެ އެންމެ މުހިންމު ކިއްލާއެވެ. އެކިއްލާ ހުންނަނީ ޒެމްޕާ ދާދިގާތުގައެވެ. سـليمـان يــاشــا ވިސްނައިވަޑައިގެންނެވީ އެޒަލްޒަލާއަކީ ޣައިބުން ލިބިވަޑައިގެންނެވި ތާއީދެއްކަމުގައެވެ. އެހެންކަމުން އޭނާ އެކިއްލާ ހިއްޕަވައިފިއެވެ. އެކިއްލާގެ ދިފާޢުގައި ތިބި ޔޫނާނީ ސިފައިން ޤަބޫލުކުރީ އެއީ ކަލާނގެ ރުހިވޮޑިގެންވާގޮތް ކަމުގައެވެ. އެހެންކަމުން އެއްވެސްވަރަކަށް ދެކޮޅުހަދާކަށެއް ނުއުޅުނެވެ. ޢުޘްމާނީންނާ ކިއްލާ ޙަވާލުކޮށްފިއެވެ. ޢުޘްމާނީން މި ހާދިސާ ހެދީ ޔޫރަޕަށް ވަނުމުގެ ތަމްހީދެއް ކަމުގައެވެ. اُرْخَـــان މި ހާދިސާއަށްފަހު ދެކުނު ޔޫނާންގެ އެތައް ކިއްލާތަކަކާއި ޝަހަރުތަކެއްވެސް އޭނާގެ ވެރިކަމުގެ ދަށަށް ގެންނަވައިފިއެވެ. ވަރަށްގިނަ ތުރުކިއޭއިންނާއި ޢަރަބީން ގެންދަވައި އެސަރަޙައްދުގައި އާބާދުކުރައްވައިފިއެވެ. ޔޫނާނީ އަމްބަރާތޫރު އޭނާއަކީ ޢުޘްމާނީންނަށް ޖިޒީދެއްވާ ރަސްކަލެއް ކަމަށާއި، اُرْخَـــان އަކީ، އޭނާ ރައްކައުތެރިކުރައްވައި ޙިމާޔަތްކުރައްވާ ފަރާތްކަމުގައި ޤަބޫލުކުރައްވައިފިއެވެ. މިގޮތުން اُرْخَـــان ހިމެނިވަޑައިގެންފައިވަނީ އިރުމަތީ ޔޫރަޕުގައި ޝަރަފާއި ޢިއްޒަތާއި ޙުރުމަތާއެކު އެންމެފުރަތަމަ އިސްލާމީ ދިދަ ވިހުރުވައިލެއްވި ހިތްވަރުފުޅުގަދަ އިސްލާމީ މުޖާހިދު ކަމުގައެވެ. އެންމެފުރަތަމަ ރަސްގެފާނު ކަމުގައެވެ. އިރުމަތީ ޔޫރަޕުގެ މީހުންނަކީ އެހައިތަނަށް އިސްލާމްދީން ތަޢާރުފުވެފައިވާ ބައެއް ނޫނެވެ. اُرْخَـــان އެބައިމީހުންނަށް އިސްލާމްދީން ތަޢާރުފުކޮށްދެއްވިއެވެ. އެހެންކަމުން މުސްލިމުން مـــوســى بـــن نـُـصَــيْـــرُ ގެ ޚިދުމަތް ފާހަގަކުރާ ފަދައިން اُرْخَـــان غــازى ގެ އަގުހުރި ޚިދުމަތްވެސް ހަނދާންކުރާންޖެހެއެވެ. އާދެ، އިރުމަތީ ޔޫރަޕުގެ އައްސޭރީގައި ފައިތިލަފުޅު ސާބިތުކުރެއްވި އެންމެފުރަތަމަ މުސްލިމު މުޖާހިދަކީ އަދި ރަހަކީ اُرْخَـــان غــازى އެވެ. (މުސަލްމާން ޙުކުމްރާން، ޞަފުޙާ: 636، 635)
ގެލީޕޯލީ ފަތަޙަކުރެއްވުމުގެ އަހަންމިއްޔަތާމެދު ވާހަކަ ދައްކަވަމުން "ދައުލަތެ ޢުޘްމާނިއްޔާ" ގެ މުޞަންނިފު ލިޔުއްވައިފައިވެއެވެ.
"އޭނާ (اُرْخَـــان) 755-ހ./1354މ. ގައި ފާތިޙެއްގެ ހައިސިއްޔަތުން އެންމެފުރަތަމަ ފަހަރަށް ޔޫރަޕުގައި ފިޔަވަޅު އެޅުއްވިއެވެ. މަސީޙީ ޔޫރަޕުގައި ޝާނުޝައުކަތުހުރި އިސްލާމީ ރަސްކަމެއްގެ ބިންގާ އެޅުއްވިއެވެ. ދުއިސައްތަ އަހަރުގެ ތެރޭގައި އެރަސްކަންވަނީ ގެލީޕޯލީން ފެށިގެން ވިއެނާގެ ފާރުތަކާ ހަމަޔަށް ފެތުރި ފުޅާވެފައެވެ. ހިޖުރީ އެންމެފުރަތަމަ ޤަރުނުގެ ޢަރަބި މުޖާހިދުން ޙައްޤުދީނުގެ ދަޢުވަތު ހުޅަނގު ޔޫރަޕަށް ތަޢާރުފު ކުރެއްވިއެވެ. އެބޭކަލުންގެ ޢިލްމުގެ އަލިކަމުން އެ އަނދިރި ބިން އަލިކޮށްދެއްވިއެވެ. އެކަމަކު އިރުމަތީ ޔޫރަޕުގައި ފެތުރިފައިއޮތީ އަނދިރިކަމުގެ މައްޗަށް އަނދިރިކަމެވެ. އެ އަނދިރި ބިން އިންތިޒާރުކުރަމުން ގެންދިޔައީ ހިދާޔަތުގެ ދަންމަރަކަށެވެ. އެ އަލި ދަންމަރު އިރުމަތީ ޔޫރަޕަށް ގެންދެވުމުގެ ބާއްޖަވެރިކަން އެބައެއްގެ ނަސީބުގައި ލިޔެވިފައިވާ ބަޔަކީ ޢުޘްމާނީންނެވެ. ޢަރަބި މުޖާހިދުން ހުޅަނގު ޔޫރަޕުގައި އަދާކުރެއްވި ވާޖިބު، އިރުމަތީ ޔޫރަޕުގައި އަދާކުރެއްވީ ތުރުކިއޭ މުޖާހިދުންނެވެ." (ޞަފުޙާ: 36)
ޔޫރަޕުގައި އިސްލާމީ ދިދަ ވިހުރުއްވުމަށާއި، ފުތޫޙާތު ފުޅާކުރައްވަން اُرْخَـــان ގެ ހިތްޕުޅުގައި އުފެދިފައިއޮތް ޝައުޤުވެރިކަމުގެ ބޮޑުކަން މިދަންނަވާ ހާދިސާއިން އެކަނިވެސް ހާމަވެއެވެ.
اُرْخَـــان ގެ ޤާބިލު އަދި މުޖާހިދު ދަރިކަލުން سـليمـان ބުރުސާގެ ކައިރީގައި ބާޒު ޝިކާރަކުރައްވާން އުޅުއްވަނިކޮށް އަސްމަތީން ވެއްޓިވަޑައިގެން އަވަހާރަވުމުން ފަސްދާނުލެއްވީ ބުރުސާއަކު ނޫނެވެ. ދަރުދާނިޔާލުގެ ޔޫރަޕް ފަޅިޔަށް ގެންދަވައި ފަސްދާނުލެއްވީ سـليمـان يــاشــا ޔޫރަޕުން ފަތަޙަކުރެއްވި ބިމުގައެވެ. ޔޫރަޕުގެ އައްސޭރި ދޫކޮށްލައި ފަހަތަށްޖެހުމުގެ ޚިޔާލު ތުރުކިއޭއިންގެ ހިތުގައި އުފެދުނަ ނުދެއްވުމަށްޓަކައެވެ.
މުސްލިމުން އެބޭފުޅަކަށްޓަކައި ފަޚުރުވެރިވާންޖެހޭ މަތިވެރި ބަޠަލު އަދި ދަރަޖަމަތިވެރި މުޖާހިދު اُرْخَـــان غــازى މިފަނާވަނިވި ދުނިޔެއަށް އަލްވަދާޢު ވިދާޅުވެ އޭނާ ނުހަނު ލޯބިފުޅުކުރެއްވި އަދި އެހައިމެ ބިރުވެތިވެވަޑައިގެންނެވި މަތިވެރިވަންތަ ރައްބީގެ މާތް ޙަޟުރަތަށް ދަތުރުކުރެއްވީ 1359މ. ގައެވެ. އޭނާގެ އުމުރުފުޅުން އަތްދިހަފަސް އަހަރުފުޅުގައެވެ. އެމަތިވެރި މުސްލިމު މުޖާހިދު ތާރީޚުގެ ޞަފުޙާތަކަށް ދޫކުރައްވައިފައިވާ އަސަރުތަކަކީ ފިލުވައިލެވުން އެއްކިބައިގައި އޮއްވައި ކުލަފަނޑުކޮށްލެވޭނެވެސް އަސަރުތަކެއް ނޫނެވެ. "ތާރީޚެ ރޫމް" ގެ މުޞަންނިފް ވިދާޅުވާގޮތުގައި "اُرْخَـــان އަވަހާރަވުމަކީ ޢާންމުންގެ ހެވާއި ލާބަޔަށްޓަކައި އެބޭފުޅެއްގެ މުޅިއުމުރުފުޅު ވަޤުފުކުރެއްވި މުސްލިމު ރަސްކަލެއްގެ އަވަހާރަވުމެވެ. އޭނާއަކީ ފުރިހަމަޔަށް ވާޖިބު އަދާކުރެއްވި ރަސްކަލެކެވެ. އިސްލާމްދީން ޔޫރަޕަށް (އިރުމަތީ ޔޫރަޕަށް) ތަޢާރުފުކުރެއްވީ އޭނާއެވެ."
ޚުދު ޢީސާއީ މުޞަންނިފުން އިޢުތިރާފުވެވަޑައިގެންފައިވެއެވެ. "ޤުސްޠަންޠީނިއްޔާގެ ޤައިޞަރުގެ އަނިޔާވެރިކަމާހުރެ ހައްޓަށް ނޭވާނުފެތިފައިތިބޭ ޔޫނާނީންނަށް އެ ހެޔޮލަފާ އަދި އޯގާވެރި ރަސްގެފާނު އެއުރެންގެ ރަށްތައް ހިއްޕަވާ މަންޒަރު ފެނުމުން އެބައިމީހުން ކަލާނގެ ރަސްކަންފުޅަށް ޝުކުރު އަދާކުރެއެވެ. اُرْخَـــان ފަތަޙަނުކުރައްވާ ޔޫނާނީ ޝަހަރުތަކުގެ މީހުންވެސް އަމިއްލަޔަށް ހިޖުރަކޮށް اُرْخَـــان ގެ ވެރިކަމުގެ ދަށުގައިހުންނަ ރަށްރަށުގައި ވަޒަންވެރިވެއެވެ. އެބައިމީހުން ހިތްހަމަޖެހި އުފާވެފައި ތިބެނީ ރޯކަމެއްނެތި ވީރާނާވެ ހިކިފައިވާ ބިމަކުން ތާޒާ އާރޯ ބަގީޗާއަކަށް އާދެވޭގޮތްވުމުން ބަޔަކު ހިތްފަހިވެ އުފާވާނެ ވަރަށެވެ." (މުސަލްމާން ޙުކުމްރާން، ޞަފުޙާ: 627)
"ދައުލަތެ ޢުޘްމާނިއްޔާ" ގެ މުޞަންނިފު ލިޔުއްވައިފައިވެއެވެ. اُرْخَـــان އޭނާގެ ތެއްތިރީސް އަހަރުގެ ވެރިކަމުގައި ޢުޘްމާނީ ފުތޫޙާތުގެ ދާއިރާ ވަރަށްބޮޑަށް ފުޅާކުރެއްވިއެވެ. އޭނާ ހުސްއެކަނި އޭޝިޔާއޭކޫޗަކުގައި ހުރި ބައިޒެންޓެއިން ސަރަޙައްދުތަކަށް ވެރިވެވަޑައިގެންނެވީކީ ނޫނެވެ. ތުރުކިއޭގެ ބައެއް ރިޔާސަތުތައް ޢުޘްމާނީ ރަސްކަމުގައި ހިމެނުއްވީކީވެސް ނޫނެވެ. އޭނާ ޔޫރަޕަށް ވެދެވަޑައިގެން ތުރޭސްގެ އެއްބައިވެސް ފަތަޙަކުރެއްވިއެވެ. އެއީ ބައްރެއަޢުޒަމް (ޔޫރަޕު) ގައި ޢުޘްމާނީންގެ ފުތޫޙާތުގެ ކުލަގަދަ މުޤައްދިމާއެވެ. ޢުޘްމާނީ ރަސްކަމުގެ ކީރިތި މޫރިތިކަން ބިނާވެފައިވަނީ އެދައުލަތުގެ ޢަސްކަރީ އަދި މަދަނީ ޤާނޫނުތަކުގެ މައްޗަށެވެ. އެފުރޭފްތަކުގެ އެންމެފުރަތަމަ ޞަފުޙާ ލިޔުއްވި މޮޅު ކާތިބަކީ اُرْخَـــان އެވެ.
"اُرْخَـــان ގެ ބައްޕާފުޅު عـثمــان ގެ ހައިސިއްޔަތަކީ އަމީރެއްގެ ހައިސިއްޔަތެވެ. ނަމަވެސް اُرْخَـــان ގެ ކާމިޔާބު މަސައްކަތްޕުޅުން އޭނާއަކީ ރަސްކަމުގެ ލަޤަބު ޙައްޤު ބޭފުޅަކު ކަމުގައި ހެއްދެވިއެވެ. އެކަމަކު އޭނާ ރަސްކަލަކަށް ވެވަޑައިގެންނެވުމަށްފަހުވެސް އުޅުއްވީ ދަރުވޭޝީއެއްގެ ސާދާ ދިރިއުޅުއްވުމެވެ. އޭނާގެ ދިރިއުޅުއްވުމަކަށް ބަދަލެއް ނާދެއެވެ. އޭނާގެ އެސިފަފުޅުގައި އޭނާއާ عـثمــان އާ ދެބައްޕައިކަލުންނަކީ އެއްކަހަލަ ދެބޭފުޅުންނެވެ. މިސްޓަރ ގިބްސަން ވިދާޅުވެފައިވެއެވެ. ނައިސިޔާގައި އޭނާ އޭނާގެ އަތްޕުޅުން ފަޤީރުންނަށް ރޮށްޓާއި ސުރުވާ ބައްސަވައެވެ. ޢިލްމާއި ފަންނުތަކަށް އަޅައިލެއްވުން ދެއްވައި ތަރައްޤީކުރެއްވުމަކީ ޢުޘްމާނީންގެ ޚާއްޞަ ސިފައެކެވެ. މި ސިފަފުޅުގައިވެސް اُرْخَـــان ވަކީން ބޮޑަށް ފާހަގަކުރެވެއެވެ. ބޮޑެތި ބޮޑެތި މަޝްހޫރު ޢިލްމުވެރީންނާއި މަޝާއިޚުން އޭނާގެ އަރިހުގައި އުޅުއްވައެވެ. اُرْخَـــان އޭގެތެރެއިން ބައެއް ޢިލްމުވެރީން އޭނާ ބިނާކުރައްވައިފައިވާ މަދަރުސާތަކުގެ މުދައްރިސުންކަމުގައި ހަމަޖެއްސެވިއެވެ." (ޞަފުހާ: 37)
ތާރީޚެ ރޫމުގެ މުސަންނިފު ލިޔުއްވައިފައިވެއެވެ. "ތުރުކިއޭގެ ޢުޘްމާނީ ރަސްރަސްކަލުންކުރެ އެންމެރަނގަޅު ކަމުގައި ބެލެވޭ ރަސްކަލަކީ اُرْخَـــان އެވެ. އޭނާގެ ރަނގަޅު އާދަފުޅާއި ހެޔޮ ޚަޞީލަތްޕުޅާއި މަތިވެރި މަސައްކަތްޕުޅުތަކުގެ ސަބަބުންނެވެ. ތުރުކިއޭ މުއައްރިޚުން ވަރުބަލިފުޅުވުމެއްނެތި އޭނާއަށް ތާރީފުކުރައްވައެވެ." (މުސަލްމާން ޙުކުމްރާން: 637)
އަރަހުށި މާތް ރަސްކަލާކޮ! اُرْخَـــان غــازى އަށް ހާސްހާސް ރަޙުމަތް ބާވައިލައްވާނދޭވެ! އާމީން.
ތުރުކިއޭއަށް ދިއުމުގެ ދަތުރުމަތީގައި عـثمــان غــازى އާއި اُرْخَـــان غــازى ގެ މަޤްބަރާ ހުންނަނީ ބުރުސާގައިކަން އެނގުމުން އަޅުގަނޑުގެ ހިތުގައި އާދެ މަޤްބަރާއަށް ޒިޔާރަތްކޮށް އެދެބައްޕައިކަލުންނަށް ފާތިޙާ ކިޔަވައި ހެޔޮދުޢާކުރުމުގެ ޝައުޤު އުފެދުމަކީ ޠަބީޢީކަމެއްކަން މިސިލްސިލާ މިހައިތަނަށް ބައްލަވަމުންގެންދަވާ ބޭފުޅުންނަށް އެނގިވަޑައިގެންފާނެކަމުގައި ޤަބޫލުކުރަމެވެ.
އެދެމަޤްބަރާ ބަލަންކުރި ދަތުރު މިހައި ދިގުވީ ކާރުގެ ދުވެލީގެ މައްސަލައަކުން ނޫނެވެ. ކާރުގައި އެއްވެސް މައްސަލައެއްނެތެވެ. އާރޯތާނާ ކާރެކެވެ. ކާރުދުއްވީވެސް އެކަމަށް ފަރިތަކުއްޖެކެވެ. ދަތުރު ދިގުވީ އަޅުގަނޑަށް މާބޮޑަށް އަޅުގަނޑުގެ އަމިއްލަ ނަފުސު އޮޔާލެވުމުގެ ސަބަބުންނެވެ. މީލާދީން ތޭރަވަނަ ސައްތައިގެ އެންމެ ފުރަތަމަކާލުގައި ޗަންގީޒުޚާންގެ އާފަތް ދުނިޔެއަށް ފައުޅުވެ އޭނާގެ އަނިޔާވެރިކަމާހުރެ ތުރުކިއޭއިންގެ ޤަބީލާތައް ވަޒަންދޫކޮށް އެތަންމިތަނަށް ހިޖްރަކުރާންފެށި ދުވަސްވަރުން ފެށިގެން عـثمــان غــازى އާއި اُرْخَـــان غــازى ގެ މަޤްބަރާއާ ހަމަޔަށް ފޯރިލެއް ލަހެއްނޫންކަން ޤަބޫލުކުރެއްވުން އެދެމެވެ. އާދެ އެމަޤްބަރާހުރީ ބުރުސާގެ އުސްހިސާބެއްގައެވެ. "އެއްގޯއްޗެއް" ގެ ތެރޭގައި ވަކިވަކީންނެވެ. އެގޯއްޗަށް ކިޔާ ޚާއްޞަ ނަމެއް އޮތްތޯއެއް އަޅުގަނޑަކަށް ބަލައެއް ނުލެވުނެވެ. މިހާރު ދެން ތަންކޮޅެއް ކޮށީއެވެ. "އެގޯތި" ތެރެއަށް ވަންނައިރު މެދުގައި އެތެރެޔަށް ވަދެވޭ މަގެއް އޮތެވެ. އެމަގުގެ ކަނާތްފަރާތު އަރިމަތީގައިހުރި ފިލަޔަކުން އެތަނަކީ ޔުނެސްކޯއިން ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމަނައިފައިވާ ތަނެއްކަން އެނގުނެވެ. "ގޯތީގެ" މެދުތެރެއިން އޮންނަ މަގުގެ ކަނާތްފަރާތުގައި ބޭރުމަގާ ކައިރިޔަށްހުރީ اُرْخَـــان غــازى ގެ މަޤްބަރާއެވެ. عـثمــان غــازى ގެ މަޤްބަރާހުރީ ވާތްފަރާތުން ކުޑަތަންކޮޅެއް އެތެރޭގައެވެ. ނަމަވެސް އަޅުގަނޑުމެން އެންމެފުރަތަމަ ދިޔައީ عـثمــان غــازى ގެ މަޤްބަރާއަށެވެ.
(ނުނިމޭ)