ޚަބަރު

ރެފްކޫލްއިން ޖޭވް އެންޑްރޮއިޑް ސްމާޓް ޓީވީ ބާޒާރަށް ނެރެފި

މުހައްމަދު ޖަމްޝަތް ވަހީދު

ރެފްކޫލްއިން ޖޭވް އެންޑްރޮއިޑް ސްމާޓް ޓީވީ ބާޒާރަށް ނެރެފިއެވެ.

ހުޅުމާލޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ޓީވީ ބާޒާރަށް ނެރެދެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ހަލީމެވެ. މިއީ މި ބްރޭންޑުގެ ޓީވީ ރާއްޖޭގެ ބާޒާރަށް ނެރުނު ފުރަތަމަ ފަހަރެވެ.

ރެފްކޫލްގެ މާކެޓިން އެގްޒެކްޓިވް މިދުހަތު އަބޫބަކުރު ވިދާޅުވީ، އެކުންފުނިން ރޭ ބާޒާރަށް ނެރުނު ޖޭވް އެންޑްރޮއިޑް ޓީވީ އަކީ މިހާރު ރާއްޖޭގެ ބާޒާރުގައި ހުރި ޓީވީތަކާ އަޅައި ބަލާއިރު ޑިސްޕްލޭ ކުލަ ރަނގަޅު ޓީވީއެއް ކަމަށެެވެ. އަދި ޓީވީގެ ޕިކްޗާ ކޮލެޓީވެސް ރަނގަޅުވާނެ ކަމަށާއި މި ޓީވީތަކުގައި ހުންނާނީ އެންޑްރޮއިޑްގެ އެންމެ ފަހުގެ ސޮފްޓްވެއާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރެފްކޫލް އިން ވަނީ ޖޭވް ޓީވީގެ 32 އިންޗިން ފެށިގެން 82 އިންޗިއާ ދޭތެރޭގެ ހަތް ސައިޒެއްގެ ޓީވީ ބާޒާރަށް ނެރެފައެވެ. އަދި މާކެޓުގައި މިހާރު ހުރި ޓީވީތަކުގެ އަގާ ބަލާއިރު މި ޓީވީތަކުގެ އަގު ހެޔޮވާނެ ކަމަށް އެކުންފުނިން ބުންޏެވެ.

މީގެ އިތުރުން ޖޭވް އެންޑްރޮއިޑް ސްމާޓް ޓީވީ ގަންނައިރު ހަ މަސް ދުވަހުގެ ވޮރެންޓީއެއްް ލިބިގެންދާނެ ކަމަށާއި، އެ މުއްދަތުގައި ސާވިސްކުރުމުގެ ހިދުމަތް ވެސް ލިބޭނެ ކަމަށް ރެފްކޫލްއިން ބުންޏެވެ.

މި ޓީވީ ރެފްކޫލްގެ މާލެ އައުޓްލެޓާއި ހުޅުމާލޭގައި ހުންނަ ލެޓްސް ކޫލް އައުޓްލެޓުން ލިބޭނެއެވެ.