ރައީސް ޔާމީން

ރައީސް ޔާމީންގެ ހާލުކޮޅު ރަނގަޅު، ދޫކޮށްލާފައި ނުވަނީ އިތުރަށް ޑޮކްޓަރު ބެއްލެވުމަށް ބޭނުންވާތީ: އައިޖީއެމްއެޗް

2

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ހޮސްޕިޓަލަށް ގެންދެވި ހެދި ޓެސްޓުތަކުގެ ނަތީޖާތައް ރަނގަޅު ކަމަށާއި ދޫކޮށް ނުލައި އަދިވެސް ހޮސްޕިޓަލުގައި ބާއްވާފައިވަނީ އިތުރަށް ޑޮކްޓަރު ބެއްލެވުމަށް ބޭނުންވާތީ ކަމަށް އައިޖީއެމްއެޗް އިން ބުނެފިއެވެ.

އިއްޔެ އިރުއޮއްސި 6:30 ހާއިރު ރައީސް ޔާމީން އައިޖީއެމްއެޗްއަށް ގެންގޮސް ހިތުގެ ޑޮކްޓަރަކަށް ދެއްކުމުން 24 ގަޑިއިރަށް އެޑްމިޓް ކުރުމަށް ޑޮކްޓަރު ވަނީ ލަފާދީފައެވެ. ރައީސް ޔާމީން އެޑްމިޓްކުރިތާ 24 ގަޑިއިރުވީ ނަމަވެސް، އަދި އެމަނިކުފާނު ހޮސްޕިޓަލުން ދޫކޮށްލައިފައެއް ނުވެއެވެ.

ރައީސް ޔާމީން ބެއްލެވި ޑޮކްޓަރާ ހަވާލާދީ އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް “ވަން އޮންލައިން”އަށް ވިދާޅުވީ ޓެސްޓުތަކުން މައްސަލައެއް އުޅޭ ކަމަށް ދައްކާފައި ނުވާ ކަމަށެވެ.

ރައީސް ޔާމީން ހޮސްޕިޓަލުން ދޫކޮށްލާފައި ނުވަނީ އިތުރަށް އެމަނިކުފާނު ބެއްލެވުމަށް ޑޮކްޓަރު ބޭނުންވާތީ ކަމަށާއި ދޫކޮށްލާނެ ވަގުތެއް އެނގޭނީ މާދަމާ ކަމަށް ވެސް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ނިމިގެންދިޔަ މަހުގެ 20 ވަނަ ދުވަހު ވެސް ރައީސް ޔާމީނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްއަށް ގެންދެވުނެވެ. އެ ފަހަރު ވެސް ހިތުގެ ޑޮކްޓަރަކަށް ދެއްކުމަށް ފަހު، ރައީސް ޔާމީން ދޫކޮށްލާފައިވަނީ 24 ގަޑިއިރަށް އެޑްމިޓް ކުރުމަށްފަހުއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟