ޚަބަރު

އަންހެން ވިޔަފާރިވެރިންގެ ޖަމިއްޔާގެ މުއައްސިސުންނަށް ވުމަށް 50 އަށްވުރެ ގިނަ މީހުން ޝައުގުވެރިކަން ފާޅުކޮށްފި

"ނެޝަނަލް ވިމެންސް ޗެމްބަރ އޮފް ކޮމާސް"ގެ ނަމުގައި އިކޮނޮމިކް މިނިސްޓްރީން އުފައްދާ ޖަމިއްޔާގެ މުއައްސިސުންނަށް ވުމަށް ހުޅުވާލި ފުރުސަތުގައި 50 އަށްވުރެ ގިނަ މީހުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރުގައި އަންހެން ވިޔަފާރިވެރިންގެ ތަރައްގީއަށް މަސައްކަތްކުރާ ފަރާތްތަކުން، މާލީ އަދި ފަންނީ އެހީ ދިނުމަށްޓަކައި އަންހެން ވިޔަފާރިވެރިން ކުރިއެރުވުމަށް ގައުމީ ފެންވަރުގައި މަސައްކަތްކުރާ ފަރާތްތަކާއި ގުޅުވައިދިނުމަށް ސަރުކާރުގައި އެދޭ ހާލަތުތަކުގައި ހުރިހާ ވިޔަފާރިވެރިން ތަމްސީލުކުރެވޭ ފަދަ ޖަމިއްޔާއެއް މިވަގުތު ރާއްޖޭގައި ނެތް ކަމަށެވެ.

"އެހެންކަމުން ގައުމީ ފެންވަރުގައި ބަލައިގަނެ، މިނިސްޓްރީން އެންޑޯޒްކޮށްފައިވާ ޖަމިއްޔާއެއް މިހާތަނަށް ރާއްޖޭގައި އުފެދިފައިނުވާތީ، އެކަމަށް އެހީތެރިވުމުގެ ގޮތުން 'ނެޝަނަލް ވިމެންސް ޗެމްބަރ އޮފް ކޮމާސް'، މި ނަމުގައި މިނިސްޓްރީން ޖަމިއްޖާއެއް އުފެއްދުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައި، މުއައްސިސުންނަށް ވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމުން، 50 އަށްވުރެ ގިނަ ފަރާތުން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ..،" އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ޖަމިއްޔާ އުފެއްދުމަށް ބޭނުންވާ ހިންގާ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އަންހެން ވިޔަފާރިވެރިންގެ ތަރައްގީއަށް މަސައްކަތްކުރާ ޖަމިއްޔާއެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވީ ނަމަވެސް މީގެ ކުރިން ރަޖިސްޓަރީކޮށްފައިވާ "މޯލްޑިވްސް ވިމެންސް ޗެމްބަރ އޮފް ކޯޕަރޭޓް ސޮސައިޓީ" އުވާލުމަށް މިނިސްޓްރީން އަންގާފައިނުވާނެ ކަމަށެވެ. އަދި ކޯޕަރޭޓް ސޮސައިޓީގެ ގާނޫނުގެ ދަށުން، "މޯލްޑިވްސް ވިމެންސް ޗެމްބަރ އޮފް ކޯޕަރޭޓް ސޮސައިޓީ" ހިންގުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް އެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ އަންހެން ވިޔަފާރިވެރިންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދުމަށް ވަކާލާތުކުރާނެ ޖަމިއްޔާއެއް އުފެއްދުމަކީ ގިނަ ބައެއްގެ މަސްލަހަތު ތަމްސީލުކުރެވިގެންދާނެ ގޮތެއްކަން ގަބޫލުކުރާ ކަމަށް އިކޮމިނިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.