ޚަބަރު

ރާއްޖެއިން ސިންގަޕޫރަށް ކަނޑައެޅުއްވި ސަފީރުގެ ފަތްކޮޅުު ސިންގަޕޫރުގެ ރައީސާއަށް އަރުވައިފި

އަހުމަދު ޖައިޝަން

ދިވެހިރާއްޖެއިން ސިންގަޕޫރަށް އަލަށް ކަނޑައަޅުއްވި ސަފީރު ޑރ. އަބްދުﷲ މައުސޫމުގެ ސަފީރު ކަމުގެ ފަތްކޮޅު އެގައުމުގެ ރައީސާ ހަލީމާ ޔަގޫބަށް އަރުވައިފި އެވެ.

މައުސޫމްގެ ސަފީރުކަމުގެ ފަތްކޮޅު އަރުއްވާފައިވަނީ އެކަމަށް ހާއްސަކޮށް މިއަދު ހެނދުނު ސިންގަޕޫރުގެ ރައީސާގެ ރަސްމީ ގެކޮޅު "އިސްތާނާ" ގައި ބޭއްވެވި ރަސްމިއްޔާތުގައެވެ.

އެ ރަސްމިއްޔާތަށްފަހު ރައީސާ ވަނީ މައުސޫމަށް ތަހުނިޔާ ދަންނަވައި ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

އަދި ޑރ. މައުސޫމް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ހެޔޮ އެދުމާއި ތަހުނިޔާ، ސިންގަޕޫރުގެ ރައީސާއަށް އަރިސްކުރައްވައިފައެވެ.

ސިންގަޕޫރުގައި ހުންނަ ދިވެހި ރާއްޖޭގެ ސަފީރު ކަމަށް ޑރ. މައުސޫމް އައްޔަނުކުރައްވާފައިވަނީ މިދިޔަ މަހުގެ 18ގައެވެ.