ޚަބަރު

ޔޯގާ ހަމަނުޖެހުން: ސިފަ ބަދަލުކޮށްގެން އުޅެނިކޮށް ހައްޔަރުކުރި މީހަކު ބަންދުން ދޫކޮށްލައިފި

އަލީ ޔާމިން

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ ޖޫން މަހު ގަލޮޅު ދަނޑުގައި ހަރަކާތެއް ކުރިއަށްދަނިކޮށް އެތަނަށް ވަދެ، އެ ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުން ދިން މައްސަލައިގައި ހައްޔަރުކުރި އިތުރު މީހަކު ދޫކޮށްލައިފިއެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން 25 އަށްވުރެ ގިނަ މީހުން ފުލުހުން ހައްޔަރުކުރިއެވެ. އޭގެ ތެރެއިން ބަންދުގައި މިހާރު ތިބީ ހަތް މީހެކެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ދޫކޮށްލާފައިވަނީ، އަހްމަދު އަކްސަމް، 25އ ނަމަކަށް ކިޔާ މީހެކެވެ.

އަކްސަމް ބަންދުން ދޫކޮށްލި އަމުރުގައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ ސިފަ ބަދަލުކޮށްގެން އުޅެނިކޮށެވެ. އަދި އޭނާ ބަންދުގައި 44 ދުވަސް ހޭދަކުރި ކަމަށްވެސް ބުނެފައިވެއެވެ. ސިފަ ބަދަލުކުރުމުގެ އިތުރުން އަކްސަމް އުޅުނީ އޭނާގެ ފޯނުވެސް ބަދަލުކޮށްގެންނެވެ.

ކްރިމިނަލް ކޯޓުން އަކްސަމް ދޫކޮށްލީ ޝަރުތުތަކެއް ކޮށްފައެެވެ.

ޔޯގާ ހަރަކާތް ހުއްޓުވި މައްސަލައިގައި ހައްޔަރުކުރި މީހުންނަށް ޓެރަރިޒަމާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ހުއްދަ ނޫން ތަނަކަށް ވަނުމާއި މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތު ފުލުހުން ކުރެއެވެ.