ކ. މާފުށީގެ ކޮންމެ ގެއަކަށް އެއް ލީޓަރުގެ ތިން ބިއްލޫރި ފުޅި އާއި 19 ލީޓަރުގެ ފެން ފުޅިއަކާއި ޕަމްޕެއް ހިލޭ ދިނުމަށް ހޭންޑީ ވޯޓާ އިން ނިންމައިފި އެވެ.
މިގޮތަށް ނިންމާފައިވަނީ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް މާފުށީގައި ހޭންޑީ ވޯޓާގެ ފަރާތުން ފެށި "ގޯ ގްރީން" ކެމްޕެއިނެއްގެ ދަށުންނެވެ.
އެ އިވެންޓުގައި ވާހަކަފުޅުދައްކަވަމުން ހޭންޑީ އިންޑަސްޓްރީގެ އިސްވެރިޔާ ހަސަން ހަލީމް މިއަދު ވިދާޅުވީ އެގޮތަށް މަސައްކަތް ކުރުމުން ހޭންޑީ ވޯޓާއަށްވެސް އަދި ރަށަށްވެސް ޕްލާސްޓިކް ފުޅިތައް މަދުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އާންމުންގެ ގެތަކުގެ އިތުރުންވެސް މާފުށީގެ ކޮންމެ ގެސްޓް ހައުސްއެއްގެ ކޮންމެ ރޫމަކަށް ބިއްލޫރި ދެ ފުޅި ދިނުމަށް ނިންމާފައިވާ ކަމަށް ހަލީމް ވިދާޅުވިއެވެ.
"ހަގީގީ މާނައިގައި ޕްލާސްޓިކް މަދުކުރަން ބޭނުންވާ ނަމަ އެކަން ކުރެވިދާނެ. އަދި މިރަށުގައި މި ކެމްޕެއިން ފެށުމަކީ ހޭންޑީ ވޯޓާއަށް ލިބުނު ވަރަށްބޮޑު އުފަލެއް،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެއީ ވަރަށް ބޮޑު މަސައްކަތެއްގެ ވަރަށް ކުޑަ ފެށުމެއް ކަމަށެވެ. އެގޮތުން އެ ޕްރޮގްރާމް ދެން ލޯންޗުކުރަން ގަސްދުކުރަނީ އއ. އުކުޅަހުގައި ކަމަށް ހަލީމް ވިދާޅުވިއެވެ.