ޚަބަރު

ތިމާވެށި ރައްކާތެރިކުރެވޭނީ އެކަމުގައި ވިޔަފާރީގެ ފައިދާ ލިބޭގޮތަކަށް ރޭވިގެން: ނަޝީދު

އަހުމަދު ޖައިޝަން

ތިމާވެށި ރައްކާތެރި ކުރެވޭނީ އެކަން ކުރުމުގައި ވިޔަފާރީގެ ފައިދާއެއް ނުކުންނާނެ ގޮތަކަށް އެކަންތައް ރޭވިގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ކ. މާފުށީގައި ހޭންޑީ ވޯޓާގެ "ގޯ ގްރީން" އިވެންޓު އިފްތިތާހުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ތިމާވެށްޓައި ފައިދާ ވާގޮތަށް ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރާނީ ނުވަތަ ތަރައްގީ ހޯދަން ޖެހޭނީ ދެމެހެއްޓެނިވި ގޮތަކަށް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ތަރައްގީ ވަމުން ދާއިރު އެ ތަރައްގީއަކީ ފިތުރަތުގެ އުސޫލާ އެއްގޮތަށް ހިންގޭ ތަރައްގީއަކަށް ނުވެއްޖެ ނަމަ އޭގެ ގެއްލުން ވާނީ ކޮންމެ ފަރުދަަކަށް ކަމަށެވެ.

"އެބަ އެނގޭ ސީދާ ގެއްލުން ވަނީ ތިމަންނާއަށް ކަން. ތިމަންނާގެ އާމްދަނީއަށް ކަން. ތިމަންނާގެ އާއިލާއަށްކަން. ތިމަންނާ އަދާކުރާ ވަޒީފާ ގެއްލި ދަނީ ކަން،" އެމަނިކުފާނު ވިދާޅުވިއެވެ.

މާފުށީގެ ކުނީގެ ނިޒާމު ރަނގަޅު ނުކުރެވިއްޖެ ނަމަ އެރަށުގެ ޓުއަރިޒަމްގެ ވިޔަފާރި ކުރިއަށް ނުދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.