ޖަރުމަންގެ ބާލިންގައި ބާއްވާ "އައިޓީބީ ބަރލިން" ފެއާގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ޖަރުމަނަށް ވަޑައިގަންނަވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މިނިސްޓަރުގެ މި ދަތުރުފުޅުގައި، މި ފެއާގެ ތެރޭގައި އޮންނަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިވެހި ސަރުކާރުގެ ފަތުރުވެރިކަމުގެ ސިޔާސަތުތަކާ ބެހޭގޮތުން މިނިސްޓަރު މައުލުމާތުދެއްވާނެ ކަމަށެވެ.
މީގެ އިތުރުން މެލޭޝިއާ އާއި ސްރީލަންކާގެ ޓޫރިޒަމް މިނިސްޓަރުންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާ މިނިސްޓަރު ބައްދަލުކުރައްވާނެއެވެ.
އަދި ކޮންމެ އަހަރެއްގެ އައިޓީބީ ފެއާގައި ރާއްޖެއިން ބާއްވަމުން އަންނަ "މޯލްޑިވިއަން ނައިޓް"ގެ ތެރެއިން މިފަހަރުގެ ނައިޓުގައި މިނިސްޓަރު ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވާނެ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
ކޮންމެ އަހަރަކު ބާއްވާ "އައިޓީބީ ބާރލިން" ފެއާ އަކީ ދުނިޔޭގެ އެންމެބޮޑު ފަތުރުވެރިކަމުގެ ފެއާއެވެ.
މިފަހަރުގެ ފެއާގައި ރާއްޖެ ތަމްސީލު ކުރައްވަން ވަޑައިގަންނަވާ ވަފްދުގެ އެންމެ އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވާނީ، ނައިބު ރައީސް ފައިސަލް ނަސީމެވެ.
އެމަނިކުފާނުގެ އަރިހުގައި، ޓޫރިޒަމް މިނިސްޓަރުގެ އިތުރުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު ތައްޔިބު މުހައްމަދުގެ އިތުރުން ރާއްޖެއިން ޖަރުމަންވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ލަތީފު ބައިވެރިވެ ވަޑައިގަންނަވަ އެވެ.