ރައީސް އޮފީސް

ބެލްޖިއަމަށާއި އީޔޫއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމުގެ މަގާމަށް ހަސަން ސޯބިރު އައްޔަންކުރައްވައިފި

ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށާއި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް ގ. ފިޔާތޮށިގެ ހަސަން ސޯބިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އައްޔަނު ކުރައްވައި، އެމަނިކުފާނަށް ސަފީރު ކަމުގެ ފަތްކޮޅު ދެއްވައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތުދިން ގޮތުގައި ހަސަން ސޯބިރަށް މަގާމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ހަސަން ސޯބިރަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސައުތް ވޭލްސް އިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މީގެ އިތުރުން އެމަނިކުފާނު ވަނީ އެމެރިކާއިން ޑިޕްލޮމާ އިން އިކޮނޮމިކް ސްޓެޓިސްޓިކްސް ހާސިލުކުރައްވައި، އިންޑިޔާއިން ބެޗެލަރ އޮފް ކޮމާސް ހާސިލުކުރައްވާފައެވެ.

ހަސަން ސޯބިރަކީ ދިވެހި ޚާރިޖިއްޔާގައި ތަފާތު އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.

އެގޮތުން ހަސަން ސޯބިރު ފުރުއްވި މަގާމުތަކު ތެރޭގައި، ދިވެހިރާއްޖެއިން އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ޕަރމަނަންޓް ރެޕްރެޒެންޓެޓިވްކަމުގެ މަގާމާއި، ޔޫރަޕިއަން ޔޫނިއަންނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމާއި، އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރުކަމުގެ މަގާމު ހިމެނެއެވެ. މީގެ އިތުރުން ހަސަން ސޯބިރު ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރެއްވި އެވެ.