ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ލިސްޓެއް އެކުލަވާލައި އެއަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖުން ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން މިއަދު ބުނީ އެ ލިސްޓުގައި ހިމެނޭ ތަރިކައާއި ގުޅޭ މައުލޫމާތު ކަށަވަރު ކުރުމަށްޓަކައި އާންމުންގެ ހިޔާލު ބޭނުންވާ ކަމަށެވެ. އަދި އީމެއިލް މެދުވެރިކޮށް މިމަހުގެ 12ގެ ކުރީން އެ ލިސްޓަށް ހިޔާލު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
ހެރިޓޭޖް މިނިސްޓްރީން ބުނީ އެ ލިސްޓު އެކުލަވާލައިފައި ވަނީ ރަށު ކައުންސިލުތަކާއި ތާރީހު ދިރާސާކުރާ ފަރާތްތަކުގެ ފޮތްތަކުން ލިބިފައިވާ މައުލޫމާތުން ކަމަށެވެ.
އެ ލިސްޓުގައި ޖުމްލަ 460 ތަރިކައެއް ވަނީ ހިމަނައިފައެވެ. އެގޮތުން އެ ތަރިކަ ހުރި ރަށާއި އެނޫންވެސް މައުލޫމާތު އެ ލިސްޓުގައި ބަޔާންކޮށްފައި ވެއެވެ.