ޝަހީދާ އަބްދުﷲ ސައީދު
މިމަހުގެ ތިންވަނަ ދުވަހުގެ ރޭ ވައިގެ މަގުން އިންޑިއާއިން ރާއްޖެއަށް އެތެރެކުރި ބުދުތައް ގެނެސްފައިވަނީ ސުލްހަވެރި އެއްވުމެއް ބޭއްވުމަށް ކަމަށް، ބުދު އެތެރެކުރި މީހުންނާ ހަވާލައިދީ މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.
ކަސްޓަމުން މިއަދު ނެރުބު ބަޔާނުގައި ބުނެފައިވަނީ މިމަހުގެ ތިންވަނަ ދުވަހުގެރޭ އިންޑިއާއިން ރާއްޖެއަށް ބުދުތަކެއް އެތެރެކުރަން އުޅުނީ ޓޫރިސްޓް ވިސާގައި ރާއްޖެއައި އިންޑިއާގެ ހަތަރު މީހުން ކަމަށެވެ.
އެމީހުން ރާއްޖެ ގެނައި ލަގެޖުތައް އިތުރަށް ބަލައި ޗެކްކުރި އިރު 13 ލަގެޖުގައި ހުރީ އަޅުކަންކުރަން ބޭނުންކުރާ ބުދުތަކެއްކަން ކަސްޓަމަށް ޔަގީން ކުރެވިފައިވާ ކަމަށާއި އެއީ 27 ކުދި ބުދާއި ބޮޑު އެއް ބުދު ކަމަށް ވެސް ކަސްޓަމުން ބުނެފައިވެއެވެ.
ކަސްޓަމުގެ ބަޔާނުގައި ބުނެފައިވަނީ ރާއްޖެއިން ބޭރު ފަރާތްތައް ރާއްޖެ އަންނައިރު އެމީހުން ގެންނަ ތަކެތީގެ ތެރޭގައި ހިމެނޭ، ރާއްޖެއަށް އެތެރެކުރުމަށް ހުއްދަ ނުދެވޭ ތަކެތި، އެމީހުން ރާއްޖެއިން ފުރައިގެން ދާއިރު އަނބުރާ ގެންދަން ބޭނުންވެއްޖެ ހާލަތެއްގައި އަނބުރާ ގެންދިއުމުގެ ފުރުސަތު އެފަރާތްތަކަށް ކަސްޓަމްސްގެ އާންމު ގަވައިދުގެ ދަށުން ލިބިގެންދާނެ ކަމަށެވެ.
އަޅުކަންކުރަން ގެންގުޅޭ ބުދަކީ ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ށ)ގެ ދަށުން ދިވެހި ރާއްޖެއަށް އެތެރެކުރުން މަނާ އެއްޗެކެވެ.