ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މަޖިލިސް ކެމްޕެއިނަށް ގުރައިދޫއަށް ރައީސް ކުރައްވާ ދަތުރުފުޅަށް ހަރަދު ކުރަނީ އެމްޑީޕީން

ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިން ދަތުރުފުޅެއްގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކ. ގުރައިދޫއަށް ވަޑައިގަންނަވާއިރު، އެމަނިކުފާނުގެ ދަތުރުފުޅާ ބެހޭ ހުރިހާ ހަރަދެއް ކުރާނީ އެމްޑީޕީން ކަމަށް ބުނެފި އެވެ.

އެކަން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުންނާއި އެމްޑީޕީންވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ގުރައިދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އާދިލް ސަލީމްގެ ކެމްޕެއިން ޖަލްސާގައި ބައިވެރުވެވަޑައިގަތުމަށް މިރޭ ރައީސުލް ޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުގެ ހުރިހާ ހަރަދެއް ކުރަނީ އެމްޑީޕީން ކަމަށެވެ.

އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ތަރުޖަމާނު އަފްޝަން ލަތީފް ވިދާޅުވީި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެ ޕާޓީން ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލް ޖުމްހޫރިއްޔާ އެކި ރަށްރަށަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި އެ ދަތުރުފުޅުތަކުގެ ހުރިހާ ހަރަދެއް ކުރާނީ އެމްޑީޕީން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.